ގޭންގު ކުށްތަކުގެ މައްސަލައަކީ މިއަދު މުޖުތަމަޢުއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާއިރު، އެކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވާނީ ފާޅުގައި ކަމަށާއި، އެ މަޤުސަދުގައި ގޭންގުތަކާއިއެކު މަޝްވަރާ ކުރަން ވެސް ތައްޔާރަށް ހުންނެވި ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ބައެއް މަސައްކަތްތަކާއި ގުޅޭގޮތުން މީޑިއާ އަށް މަޢުލޫމާތުދެއްވަމުން މަޚްލޫފް ވިދާޅުވީ، އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ ގޭންގު މާރާމާރީތަކަށް ހައްލެއް ހޯއްދެވުން ކަމަށެވެ. ގޭންގު ކުށްތަކުގެ ތެރޭގައި އެންމެ ބޮޑަށް ތާށިވެފައި ތިބީ ޒުވާނުންކަން ފާހަގަކުރައްވާ މަޚްލޫފް ވިދާޅުވީ، ގޭންގުތަކަށް ނިސްބަތްވާ ޒުވާނުން މީހުން މެރުމާއި، އެހެނިހެން ކުށްތަކަށް އަރައިގަތުމަކީ ވަރަށް ދެރަކޮށް ހިނގާ، ބިރުވެރި، އަދި ނާމާން ކަމެއް ކަމަށެވެ. އެހެންކަމުން ގޭންގުތަކުގައި ތިބި ޒުވާނުންނާއި، ގޭންގުތަކަށް ވަނުމުގެ މަގުމަތީގައި ތިބި ޒުވާނުން ވެސް އެކަމުން ސަލާމަތް ކުރަން ބޭނުންފުޅުވާކަން މަޚްލޫފް ފާހަގަކުރެއްވިއެވެ.
މަޚްލޫފް ވިދާޅުވީ ގޭންގުތަކުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފުރަތަމަ ކުރަން ޖެހޭ ކަމަކީ ގޭންގުތައް ހަރަކާތްތެރިވާކަން ޤަބޫލުކުރުން ކަމަށެވެ.
މަޚްލޫފް ވިދާޅުވީ ގޭންގު މައްސަލައަކީ ބޭރުގެ ފަރާތްތަކުގެ ކަންބޮޑުވުން ވެސް ވަރަށް ބޮޑަށް އޮތް މައްސަލައެއް ކަމަށާއި، ގޭންގުތަކުގައި ތިބި ޒުވާނުން ކުށުގެ ވެށިން ނެރެ، ހަރުދަނާ ބަޔަކަށް ހެދުމަށް ބޭރުގެ އެކި ފަރާތްތަކުގެ އެހީ ވެސް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ގޭންގުތަކުގައި މިހާރު ހަރަކާތްތެރިވާ ޒުވާނުންގެ ތެރެއިން އިޖުތިމާއީ އެކި ހަރާކާތްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދެއްވާނެކަން މަޚްލޫފް ފާހަގަކުރެއްވިއެވެ. އެގޮތުން ޔުނިސެފާއި ގުޅިގެން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މަހަކު އެއްފަހަރު ކުޅިވަރު ދުވަހެއް ބާއްވަން ނިންމާފައިވާއިރު، މި ދުވަސް ރާވައި ހިންގުމުގައި ގޭންގުތަކުގައި ތިބި ޒުވާނުންގެ ތެރެއިން އެކަމަށް ވޮލަންޓިއަރ ކުރާ ޒުވާނުން ހިމެނުމުގެ ވިސްނުން ގެންގުޅުއްވާކަން މަޚްލޫފް ފާހަގަކުރެއްވިއެވެ.
ގޭންގު ކުށްތައް ކޮންޓްރޯލްކޮށް، ގޭންގުތައް ނައްތާލުމަށް އެކި ސަރުކާރުތަކުން އެކި މަސައްކަތް ކޮށްފައި ވީނަމަ ވެސް، ސަރުކާރުގެ މިނިސްޓަރަކު ފާޅުގައި މަޝްވަރާގެ ތެރެއިން ގޭންގު މައްސަލަ އަށް ހައްލެއް ހޯއްދަވަން މިފަދަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމެވި މިއީ ފުރަތަމަ ފަހަރެވެ.