ކޮރަޕްޝަނުގެ މައްސަލަތަކާއި ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނަށް ހަނާ ވަހީދުގެ ބަދަލުގައި މ. މިރުސްގަސްދޮށުގޭ އައިމިނަތު ހަސަން އަންގާރަދުވަހު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފިއެވެ.
ހަނާ ވަހީދުގެ ބަދަލުގައި އައިމިނަތު ހަސަން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވަނީ ހަނާ ވަހީދު އަމިއްލަފުޅަށް އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. ގާނޫނީ ވަކީލު ހަނާ އެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ މަސްލަހަތު ފުށުއަރާ ކަމަށް ބެލުމުގެ ފުރުސަތު އޮތްކަމަށް ވިދާޅުވެއެވެ.
އައިމިނަތު ހަސަނަކީ 2014 ވަނަ އަހަރު މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރު ކަމަށް އާންމުންގެ ފަރާތުން އިންތިހާބުވި މެމްބަރެވެ. މީގެ އިތުރުން އައިމިނަތު ހަސަންވަނީ އިންފޮމޭޝަން މިނިސްޓްރީ ދުވަސްވަރު މީޑިޔާ ރެގިއުލޭޓް ކޮމިޓީގެ މެމްބަރުކަންވެސް ކުރައްވާފައެވެ. މި މަގާމަށް އައްޔަންކުރެއްވިއިރު އޭނާ ގެންދަވަނީ އަމީނިއްޔާ ސްކޫލްގެ ލީޑިންގ ޓީޗަރެއްގެ މަގާމު އަދާކުރައްވަމުންނެވެ. އައިމިނަތު ހަސަންވަނީ ބަހާ ސަގާފަތުގެ ދާއިރާއިން މާސްޓާރސް ޑިގްރީ ހައްދަވާފައެވެ.
އައިމިނަތުގެ އިތުރުން، ކޮމިޝަނުގައި ތިއްބަވަނީ ކޮމިޝަނުގެ ރައީސް އަހްމަދު އައްސަދުގެ އިތުރުން ކޮމިޝަނު މެމްބަރުން އާސް އަބްދުﷲ، ނަދީމް އިބްރާހިމް އަދި ފާތިމަތު ސަރީރާ އަލީ ޝަރީފެވެ.