އިސްލާމީ މަރުކަޒުގެ ކައިރިން މިހާރު ބަންދުކޮށްފައި އޮތް، އަމީރު އަހުމަދު މަގު ހުޅުވާލުމަށްޓަކައި އެމަގުގައި ޖަހާފައިވާ މާބުލްތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.
ރާއްޖެ އެމްވީއާއި ވާހަކަ ދައްކަވަމުން އެމިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަންވަރު އަލީ ވިދާޅުވީ އިސްލާމީ މަރުކަޒުގެ ކައިރިން މިހާރު ބަންދުކޮށްފައި އޮތް، އަމީރު އަހުމަދު މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނީ ޕްލޭނިންގ މިނިސްޓްރީ ތައްޔާރު ކޮށްފައިވާ ޕްލޭނާއި އެއްގޮތަށެވެ. މި މަސައްކަތް ކުރާނީ ޕަބްލިކް ވަރކްސް އިންނެވެ.
މީގެ އިތުރުން އަންވަރު ވިދާޅުވީ ޕްލޭނިންގ މިނިސްޓްރީން މަގު ހެދުމަށްފަހު މަގު ހުޅުވާނެ ދުވަހަކާއި އަދި މަގުގައި ހިނގާ ބިނގާވެ، އެއްގަމު އުޅަނދު ފަހަރު މަގުގައި ދުއްވާނެ ގޮތާއި މިކަންކަން ކަނޑައަޅާނީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ކަމަށެވެ.
މާލޭގެ މަގުތަކުގެ ހާލަތު ބަލައި، ހުޅުވާލަން ޖެހޭ މަގުތައް 90 ދުވަހުގެ ތެރޭގައި އަލުން ހުޅުވައިލާނެ ކަމަށް ސަރުކާރުން ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އިއުލާނުކޮށްފަ އެވެ. އެއީ އަލަށް އުފެއްދި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާނުކުރި 100 ދުވަހުގެ އެޖެންޑާގައި ބުނެފައިވާ ގޮތުގައި މާލޭގެ މަގުތަކުގެ ޓްރެފިކް ދައުރުވާ ގޮތް ރަނގަޅަށް ބެލުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި މަގުތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި އެކު ހުޅުވަން ޖެހޭ މަގުތައް ހުޅުވާލާނެ އެވެ.
މަގުތައް ހުޅުވައިލުމަކީ، މި ސަރުކާރުން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ފެށި ޖަޒީރާ ހޮޅުއަށި ގެ ފުރަތަމަ ބައްދަލުވުމުގައި ގިނަ ބަޔަކު އެދުނު ކަމެކެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ގިނަ މީހުން ވަނީ އިސްލާމީ މަރުކަޒުގެ ދެ ފަރާތުން އޮންނަ ދެ މަގު އަލުން ހުޅުވައި، އެ މަގުތައް ފުޅާކޮށްދިނުމަށް ވެސް އެދިފަ އެވެ.