ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމާއި އެކީ، މަޖިލީހުގެ ތެރެއިން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާއަށް ކުރިމަތިލެއްވުމުގެ ގޮތުން އެ ބޭފުޅާގެ ކެމްޕެއިން އިފްތިތާހް ކުރުމަށް ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެވޭނީ މަޖިލީހުގެ ތެރެއިން ގާނޫނުތައް ހެދިގެން ކަމަށެވެ.
ހަސަން ވިދާޅުވެފައިވަނީ އެމްޑީޕީގެ މެނިފެސްޓޯ ތައްޔާރު ކުރެވިފައިވަނީ ރައްޔިތުންގެ ހުރި ދަތިތައް އޮޅުންފިލުވުމަށް ފަހު، ރައްޔިތުން އެދުނު ކަންކަމުގެ މައްޗަށް ކަމަށެވެ. އަދި މި މެނިފެސްޓޯ އަކީ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ ރައްޔިތުންގެ މެނިފެސްޓޯއެއް ކަމަށް ވެސް އެ ބޭފުޅާ ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު މިރޭ މި ހެންވޭރުގެ ރައްޔިތުންގެ ކިބައިން ވަރަށް މުހިންމު ކަމެއްގައި މި އެދެނީ. އެމްޑީޕިގެ މެނިފެސްޓޯގައި ވާ ކަންކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، މި މާލެ އާއި މި ހެންވޭރާއި އޭގެ އިތުރުން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑުމެންގެ އެ މެނިފެސްޓޯގައި ވާ ކަންކަން ސަރުކާރުން ފޯރު ކޮށްދެއްވުމައްޓަކާ، ކުރިޔަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހަބުގައި އަޅުގަނޑާއި އެކީގައި މި ހެންވޭރުގެ ރައްޔިތުން ތިބެދެއްވުމަށް، އަޅުގަނޑު އިންތިހާއަށް ހެންވޭރު ރައްޔިތުން ކިބައިން އެދެން،" ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވަނީ އިންތިހާބު ކާމިޔާބު ކުރެވިއްޖެއްޔާމުން މެނިފެސްޓޯގައި ހުރި ކަންތައްތައް ތަންފީޒުކުރަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
މިއީ ހަސަން ލަތީފް މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލެއްވުމުގެ ގޮތުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ދެވަނަ ފަހަރެވެ. 2014 ވަނަ އަހަރުގެ ހުޅުހެންވޭރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް އެފަހަރު ކާމިޔާބު ކުރެއްވީ މަޖިލީހުގެ މިހާރުގެ ނައިބު ރައީސް މޫސާ މަނިކެވެ. އެހެން ނަމަވެސް ޕާޓީއިން ފިޔަވަޅު އަޅައި، އެމްޑީޕީއިން ވަކިކޮށްފައި ވަނިކޮށް މޫސަ ވަނީ ފަހުން ޕީޕީއެމްއާއި ގުޅިވަޑައިގެންފައެވެ.