ރާއްޖެއަށް މަސައްކަތް ކުރަން ގެނައި ބިދޭސީންގެ ތެރެއިން އެޗްއައިވީއަށް ޕޮސިޓިވް ވެފައިވާ ދެ ބިދޭސީއަކު ފިލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ބިދޭސީން ފިލުމުގެ މައްސަލަ ހައްލު ކުރުމަށް ހުށަހަޅާފައިވާ ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ރީކޯ މޫސަ މަނިކު އަންގާރަ ދުވަހު މޫސަ ވިދާޅުވީ، އޭނާ ރާއްޖެއަށް ގެނައި ބިދޭސީންގެ ތެރެއިން ތިން މީހަކު އެޗްއައިވީއަށް ޕޮސިޓިވްވި ކަމަށާއި އޭގެ ތެރެއިން ދެ މީހުން ފިލާފައިވާ ކަމަށެވެ.
"އަޅުގަނޑު މި ރާއްޖެއަށް ގެނައި ބިދޭސީންގެ ތެރެއިން ތިން މީހުން އެޗް.އައި.ވީ އަށް ޕޮސިޓިވްވެފައި ހުއްޓައި އަޅުގަނޑުމެން އެ މީހުން ފޮނުވާލަން ގެންދިޔައިމަ ގެންދިޔަ މީހުން ކައިރީގައި ބުނީ ތިމަންނަމެން ދޭނަމޭ 5000 ރުފިޔާ ދޫކޮށްލަދޭށޭ. އޭގެތެރެއިން ތިން މީހުންގެ ތެރެއިން ދެ މީހުން ފިލާފައި ވެއްޖެ. އެކަކު އަޅުގަނޑު މެންނަށް މިތަނުން ބޭރުކުރެވުނީ،" މޫސަ ވިދާޅުވެފައި ވެއެވެ.
ބިދޭސީން ފިލާ މައްސަލަ ހައްލު ކުރުމަށް މޫސަ ބިލު ހުށަހެޅުއްވީ އިމިގްރޭޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށެވެ. އޭނާ ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ބިދޭސީއަކު ރާއްޖެ ގެނައި ފަރާތުގެ އިޒުނަ ނެތި، އެހެން ބައެއްގެ މަސައްކަތަށް އެމީހާ ގެންދިއުމަކީ ކުށެއް ކަމަށެވެ. އަދި ވާރކް ވިސާއެއްގައި ރާއްޖެއަށް އެތެރެވެފައި ހުރި މީހަކު، އެ މީހާ ރާއްޖޭގައި މަސައްކަތް ކުރަމުންދާ ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، އެ މީހާ ދިވެހިރާއްޖެ އަށް ގެނައި ފަރާތުގެ އިޒުނަ ނެތި، އެހެން ފަރާތަކަށް ގެންދި އުން ނުވަތަ ބަދަލު ކުރުން ނުވަތަ އެފަދަ ކަންކަމަށް ގަސްދުގައި މަގުފަހިކުރުވުމަކީ ކުށެއް ކަމަށް ބިލުގައިވެއެވެ.
އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ އެއް އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ 500،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުން ކަމަށް މަޖިލީހުގެ ނާއިބު ރައީސްކަން ވެސް ކުރައްވާ މޫސާ ހުށަހެޅުއްވި ބިލުގައި ބުނެފައިވެއެވެ.
ބިލުގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދެއްކެވި ހުރިހާ މެމްބަރުން ވެސް ވަނީ އެ ބިލަށް ތާއިދުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އަދި ފިލައިގެން އުޅޭ ބިދޭސީން ހައްލު ކުރުމަށް ގިނަ މެމްބަރުން ވަނީ ތަފާތު ހިޔާލުތަކެއް ހުށަހަޅުއްވާފައެވެ.