ވ. ފުލިދޫގެ ފާލަން ހަލާކުވެފައި އޮންނަތާ 8 މަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ލަކުޑިން ހަދާފައިވާ ފާލަން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވަނީ ލިލީ އެންޓަޕްރައިޒަސްގެ މެގްނަމް ބޯޓު އަޅާފައި އޮއްވާ ދިޔަވަރު ހިކުމުގެ ސަބަބުން ބޯޓުގައި ވާ ޖަހާފައި ބޭރަށް ހިފުމުން ޖެޓީގައި ހުރި މުޑިތައް ހަލާކުވެގެން ކަމަށް އެރަށު ކައުންސިލްގެ ރައީސާ ސަނާ އަލީ ވާފިރު ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
ސަނާ ވިދާޅުވީ މީގެ 8 މަސް ކުރިން އޭޕްރިލް މަހު ޖެޓީ ހަލާކުވެފައި ވަނީ ލިލީ ކުންފުނީގެ އިހުމާލުންކަން އެފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.
ސަނާ ވިދާޅުވީ ލިލީ ކުންފުނިން ޖެޓީ ހަދަން ކުރިން އެއްބަސްވެފައިވާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެފަރާތުން އަމަލީ ގޮތުން ޖެޓީ ހެދުމުގެ މަސައްކަތް ކޮށްފައިވާ ނުވާކަމަށެވެ. މިހާރުވެސް އެކުންފުންޏާއި ކައުންސިލާއި ދެމެދު ވާހަކަ ދެކެވެމުންދާ ކަމަށް ކައުންސިލްގެ ރައިސާ ވިދާޅުވިއެވެ.
މި ކަމަށް ހައްލެއް ހޯދުމަށްޓަކައި ކުރީގެ ސަރުކާރުގެ ހައުސިންގ މިނިސްޓްރީގައިވެސް އެތައް ފަހަރެއްގެ މަތިން އެދިފައިވާ ކަމަށާއި އެކަމަކު އެކަށިގެންވާ ޖަވާބެއް މިނިސްޓްރީއިން ދީފައި ނުވާކަމަށް ސަނާ ވަނީ ވިދާޅުވެފައިއެވެ.
ސަނާ ވިދާޅުވީ މި ސަރުކާރުގެ އިދާރާތަކަށް މި ކަމާ ގުޅޭ ގޮތުން ސިޓީ ފޮނުވާފައިވާ ކަމަށާއި އަދި މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށެވެ.
ފުލިދޫ ކައުންސިލްގެ މެމްބަރު މޫސަ ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފާލަން ހުރީ ވަރަށް ނުރައްކާތެރި ހާލެއްގައި ކަމަށާއި މަޖުބޫރުވެގެން ނޫނީ ފާލަމަށް ނޭރުމަށް ރައްޔިތުންނަށް އިލްތިމާސް ކޮށްފައިވާ ކަމަށެވެ.
ރައްޔިތުންނަށް ފާލަމަށް އަރާ ފޭބުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް މޫސާ ވިދާޅުވިއެވެ. ރަށުގެ ފާލަން އޮތް ހާލަތުން އެރަށަށް ދަތުރުކުރަމުން އައި ބޯޓުތައް ދަތުރުކުރުން ހުއްޓާލާފައިވާ ކަމަށް މޫސާ ވިދާޅުވިއެވެ. ރަށުގެ ރައްޔިތުން އިސްނަގައިގެން ވަގުތީ ގޮތުން ފާލަމެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ސަނާ ވިދާޅުވިއެވެ. ފުލިދޫގައި ހެލްތު ސެންޓަރެއް ހުންނައިރު އިތުރަށް ބޭނުންވާ ސިއްހީ ހިދުމަތް ހޯދަން ރަށުން ބޭރަށް ދިޔުމަށް ބޮޑެތި ދަތިތަކެއް ދިމާވެފައިވާ ކަމަށް ސަނާ ވިދާޅުވިއެވެ.
އެ ރަށު ރައްޔިތުން ބޭނުންންވަނީ ވީހާ އަވަހަކަށް މިކަމަށް މި ސަރުކާރުގެ ފަރާތުން ހައްލެއް ހޯދައިދިނުމެވެ.