ސަސްޕެންޝަނާއި ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ފުލުހުންނަށް ހުށަހަޅައި، އަދި އެކަމުގައި ބައިވެރި އެންމެންގެ މައްޗައް ދައުވާއެއް ކުރުމަށް ތައްޔާރުވަމުން ދާކަމަށް ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ޙާޝިމް ވިދާޅުވެއްޖެއެވެ.
ކައުންސިލްގެ ރައީސް އަލީ ޙާޝިމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ލޯކަލް ގަވަރމެންޓް އޮޓޯރިޓީން އޭނާ ސަސްޕެންޑް ކުރުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުންނާއި އަދި ފައިސާގެ ގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ހޯދުމަށް މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުމަށް ތައްޔާރު ވަމުންދާ ކަމަށާއި އަދި އޭނާ ސަސްޕެންޑް ކުރުމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއްގެ މައްޗައް ދައުވާ ކުރުމަށް ނިންމަވާފައި ވާކަމަށެވެ.
ރާއްޖެ.އެމްވީއާއި ވާހަކަ ދައްކަވަމުން ހާޝިމް ވިދާޅުވި އެ މައްސަލައާއި ގުޅިގެން ހައުސިންގ މިނިސްޓްރީ އާއި އެމިނިސްޓްރީ އެވަގުތު ހިންގެވުމާއި ހަވާލުވެ ހުންނެވި ޑރ މުހައްމަދު މުއިއްޒާއި، ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ބައެއް މުވައްޒަފުންނާއި، އަދި އެއޮތޯރިޓީގެ ބޯޑު މެމްބަރުންގެ މައްޗަށް ދައުވާކުރުމަށް ނިންމަވާފައި ވާކަމަށެވެ.
ދެފަހަރެއްގެ މަތިން ހާޝިމް ސަސްޕެންޑް ކޮށްފައިވާއިރު ފުރަތަމަ އޭނާ ސަސްޕެންޑް ކޮށްފައިވަނީ ދިއްދޫގައި ސަރުކާރުން ގާއިމްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ދޭން އުޅުމުން އެކަން ފަޅާއަރުވާލުމާއި ގުޅިގެންނެވެ. އެފަހަރު 3 މަސް ދުވަހަށް އޭނާ ސަސްޕެންޑް ކޮށްފައިވާއިރު ދެވަނަ ފަހަރަށް ސަސްޕެންޑް ކޮށްފައިވަނީ ސުޕްރީމް ކޯޓުން 1 ފެބުރުއަރީގައި ނެރުއްވާފައިވާ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި، ބަޔާނެއް ނެރުމާއި ގުޅިގެންނެވެ. އެފަހަރު އޭނާ ސަސްޕެންޑް ކޮށްފައިވަނީ 1 މަސް ދުވަހަށެވެ.