ދީނީ ޗެނަލެއް ހަދަން ޒަކާތު ފަންޑުން ޕަބްލިސް ސާވިސް މީޑިއާއަށް (ޕީއެސްއެމް)އަށް ދިން ފައިސާގެ ތެރެއިން ބައެއް ފައިސާ ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓް އިން ހާމަވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ 2017 ވަނަ އަހަރުގެ މާލީ ރިޕޯޓްގައިވާ ގޮތުން ދީނީ ޗެނަލެއް އުފެއްދުމަށް ބޭނުންވާ އިކުއިޕްމެންޓް ގަންނަން މިނިސްޓްރީއިން ޕީ.އެސް.އެމް އަށް 7.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އެ ފައިސާގެ ތެރެއިން އެ ކުންފުނިން ހަރަދު ކޮށްފައި ވަނީ 1.6 މިލިއަންއެވެ. އެހެންކަމުން ޕީއެސްއެމްގެ އެކައުންޓުގައި ބާކީ 6.2 މިލިއަން ރުފިޔާ ބާކީ ހުންނަން ޖޭހޭ ކަމަށާއި ނަމަވެސް އެކައުންޓުގައި މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ހުރީ 4.8 މިލިއަން ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އެ އަދަދާއެކު 1.4 މިލިއަން ރުފިޔާއަށް ވީނުނުވީއެއް އެނގިފައިނުވެއެވެ.
ދީނީ ޗެނަލް ހެދުމަށް ބޭނުންވާ އިކްއިޕްމަންޓް ގަތުމަށް އިސްލާމިކް މިނިސްޓްރީން ޕީއެސްއެމަށް ދީފައިވާ ފައިސާގެ ކުންފުނީގެ އެހެނިއެހެން ކަންތައްތަކަށް ޙަރަދުކުރުމަށް ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. ޕީއެސްއެމް އަށް ދިން ފައިސާ އެ ކުންފުނިން ބޭނުންކޮށްފައިވާ ގޮތް ހޯދުމަށް އިސްލާމިކް މިނިސްޓްރީ އިން މަސައްކަތެއް ކޮށްފައިވާ ނުވާކަން އޯޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
ފައިސާ ދޫކޮށްފައި ވަނީ ޒަކާތު ފަންޑުން ވަގުފް ފަންޑަށް ޓްރާންސްފާރ ކުރުމަށްފަހު އެފަންޑުންނެވެ. ޕީއެސްއެމުން ހުށައާޅާފައިވާ ކޯޓޭޝަންގައި 51 އައިޓަމެއް ބޭނުންވާ ކަމަށް ބަޔާންކޮށްފައިވާ އިރު އޭގެ ތެރެއިން ފީ.އެސް.އެމް އިން ގަނެފައިވަނީ 15 އައިޓަމެއްކަން ވެސް އޯޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
މި ހުރިހާ ކަމެއް ހިނގިއިރު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވީ އަހްމަދު ޒިޔާދު ބާގިރުއެވެ. އަދި ޕީ.އެސް.އެމް ހިންގަމުންދިޔައީ އިބްރާހީމް ހަލީލުގެ ދަށުންނެވެ.