ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޚާއްސަ މުޝީރު ކެންޓާރޯ ސެނޯރާ އެއް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންފައިވަނީ ހޯމަ ދުވަހުގެ ރެއެވެ. ސެނޯރާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ފޮރިންގ މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ފާތުމަތު ނަޖުވާއާއި، އެމިނިސްޓްރީގެ އެހެން ބައެއް އޮފިޝަލުންނެވެ.
ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޚާއްސަ މުޝީރު ސެނޯރާއަކީ ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ އިސް ބޭފުޅެކެވެ.
ޖަޕާނަކީ ރާއްޖެއަށް އަބަދުވެސް އެކި ރޮނގުރޮނގުން އެހީވާ ޤައުމެކެވެ. މިދިޔަ ޖޫން މަހުވެސް ޖަޕާނުން ވަނީ ރާއްޖެއަށް 41 މިލިއަން ރުފިޔާގެ އެހީއެއް ދީފައެވެ. ޖަޕާނުގެ ޚާރިޖީ ވަޒީރު ޑރ. ޓާރޯ ކޯނޯ ވަނީ މިއަހަރުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް ވަޑައިގެންފައެވެ.