ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޒަންގް ލިޒޯންގް ފޮރިންގ ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ފޮރިންގ މިނިސްޓްރީގައި ހޯމަ ދުވަހުއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިކަމަށް ފޮރިންގ މިނިސްޓްރީއިން މައުލޫމާތު ދެއެވެ.
ޗައިނާއާއިއެކު ގާތް ގުޅުމެއް ބާއްވަމުން އައި ރައީސް ޔާމީންގެ ސަރުކާރު ނިމި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށުނު ފަހުން ޗައިނާ ސަފީރު ގެންދަވަނީ އައު ސަރުކާރުގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވަމުންނެވެ.
ސަފީރު ލިޒޯންގް ވަނީ މިސަރުކާރުގެ ރަސްމީ ފުރަތަމަ މަސައްކަތު ދުވަހު ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއިވެސް ބައްދަލުކުރައްވާފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއިވެސް ސަފީރު ވަނީ ބައްދަލުކުރައްވާފައެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއަށް ބަރޯސާވެފައިވާ ޚާރިޖީ ސިޔާސަތެއް ގެންގުޅުނުނަމަވެސް، އައު ސަރުކާރުން ބުނެފައިވަނީ ރާއްޖެއިން ގެންގުޅޭނީ ވަކި ފަރާތަކަށް މާބޮޑަށް ނުޖެހޭ ސިޔާސަތެއްކަމަށެވެ. އަދި އަވަށްޓެރިންނަށް އިސްކަން ދިނުމާއިއެކު، ޗައިނާ-އިންޑިއާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ނުވަނުގެ ސިޔާސަތެއް ގެންގުޅޭނެކަމަށް ރާއްޖެއިން ވަނީ ބުނެފައެވެ.