ހަލާލު ނޫން ފައިސާ އަމިއްލަ ގެކޮޅަށް ވަން ކަމަށް ވިދާޅުވެ، އިއުތިރާފުވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ވާހަކަތައް ދޮގު ކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ.
ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ މެމްބަރުންނަށް މަޖިލިސް އިންތިހާބުގެ ޓިކެޓް ހަވާލު ކުރި ރަސްމިއްޔާތުގައި ރާއްޖެޓީވީން ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ގެއަށް ފައިސާ ވަތް ކަަމަށް ވިދާޅުވެފައިވާނެ ކަމަށާއި އެކަމަކު އެއީ ކޮން ފައިސާއެއް ނޭނގޭ ކަމަށެވެ. ހަލާލު ނޫން ފައިސާ ގެއަށް ވަދެފައިވާނެ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 14 ވަނަ ދުވަހު ޕީޕީއެމްގެ "ރުމާލު 2" ޖަގަހަ ހުޅުވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން ކަމަށެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހު 12 ވަނަ ދުވަހު ޕީޕީއެމް އޮފީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވެސް އެމަނިކުފާނު ގެއަށް ފައިސާ ވަތް ކަމަށް ވިދާޅުވެފައިވެއެވެ.
"ހަލާލު ނޫން ފައިސާ ވަތް ކަމަކަށް އަޅުގަނޑެއް ނުބުނަން. ނޫން ނޯންނާނެ ބުނެފަކައެއް. އަޅުގަނޑު ބުނެފައި އޮންނާނީ އަޅުގަނޑު ގެއަށް ފައިސާ ވަނޭ، އެކަމަކު އެ ފައިސާއަކީ ކޮން ފައިސާއެއް ކަމެއް ނޭނގޭ. އަޅުގަނޑަކީ ވާހަކަ ދައްކާއިރު ބަސް އޮޅުވާލައިގެން ވާހަކަ ދައްކާ މީހެއް ނޫން. އަމުދުން ދައްކާ ވާހަކަ ނޭނގި ދައްކާ މީހެއް ނޫން،" ރާއްޖެޓީވީން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.
ރާއްޖޭގެ ފަޅު ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ޔާމީންގެ ވެރިކަމުގައި ވަނީ ހިޔާނާތްތެރިވެފައެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ތެރެއިން ހިންގި އެ ކޮރަޕްޝަންގެ ފައިސާގެ ތެެރެއިން 80 މިލިއަން ޑޮލަރު ޔާމީންގެ ގެކޮޅަށް ގެންގޮސް ވަކި ކޮޓަރިއެއްގައި ގުނި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓޫގެ ޝަރީއަތުގައި ވަނީ ވިދާޅުވެފައެވެ. ގ. ދޫވެހީގައި ހުންނަ އެ ކޮޓަރިއަކީ ފައިސާ ގުނުމަށް ހާއްސަ ކޮށްފައި ހުންނަ ކޮޓަރިއެއް ކަމަށާއި އެ ކޮޓަރީގައި ރައީސް ޔާމިން ފައިސާ ގުނުއްވަނީ ބަންގްލަދޭޝް މީހަކާ އެކުގައި ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފައެވެ.