ޕާޓީގެ އެންމެ ބޮޑު މަސްލަހަތަކީ މި ގައުމުގެ މަސްލަހަތުކަމަށާއި ވަކިވަކި ކެންޑިޑޭޓުންގެ މަސްލަހަތު ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފްގެ މަޖިލިސް ކެމްޕެއިން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަބަދު ވެސް އެމްޑީޕީގެ އަމާޒަކީ ގިނަ ގޮނޑި ކާމިޔާބު ކުރުންކަމަށެވެ. މީގެއިތުރުން އެމްޑީޕީއަށް މުހިންމީ ކުރިމަތިލާ ކެންޑިޑޭޓުން ނޫން ކަމަށާއި މުހިންމީ އެ ކެންޑިޑޭޓަކު ތަމްސީލުކުރާ ދާއިރާގެ ރައްޔިތުންކަމަށް އެމަނިކުފާނު ވަނީ ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ހޯމަ ދުވަހުގެ ރޭގެ ހަފްލާގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ނުކުރަން ނިންމި ދެ ބޭފުޅުންނަށް ތައުރީފު ކުރައްވައިފައި ވެއެވެ. އެގޮތުން ސިޔާސީ ހިކުމަތްތެރިކަމާއި ބުއްދިވެރިކަމާއެކު ފަހަތަށް ޖެހި، އުދަރެސް އޮތް ގޮތް ހޯދަމުންދާ ސިޔާސީ ބޭފުޅުންނަކީ ދިވެހިންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭ ސިޔާސީ ލީޑަރުންކަމަށާއި އެބޭފުޅުންނަކީ އެމްޑީޕީގެ އެންމެ ހިތްވަރުގަދަ ފަހުލަވާނުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަކީ އެމްޑީޕީގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި މަސްއޫލިއްޔަތު އަދާކުރުމަށް މަގާމެއް ބޭނުން ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކަފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ފަހަތްޕުޅުގައި މަސަތްކަތް ކުރުމަކީ ލިބޭ ފަހުރެއް ކަމަށް ވެސް ވިދާޅުވެފައެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ގިނަ ބަޔަކު ދަނީ ތަމްސީލުކުރާ ޕާޓީގެ ޕްރައިމަރީ އިން ހޮވުމަށް ކެމްޕެއިން ކުރަމުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ އެ ޕާޓީން 87 ދާއިރާއަށް ވާދަކުރުމަށް ފާސްކޮށްފައެވެ.