ނިމިިދިޔަ ރިޔާސީ އިންތިޚާބު ކުރިއަށް ގެންދިޔުމުގައި އެއްވެސް ކަހަލަ ޖަރީމާއެއް ހިންގާފައި ނުވާނެކަމަށާއި، އެފަދަ ހިންގާފައިވާކަމަށް ދެކޭނަމަ ކަމާއި ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި އެކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ހުރިހާ ކަމެއްވެސް ކުރިއަށް ދިޔައީ ޤާނޫނީ އިމުގެ ތެރެއިން، މިނިވަންކަމާއި އިންސާފުވެރިކަމާއިއެކުގައި ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމުން އެކަން އިތުރަށް ކަށަވަރުވާކަމަށް އަކްރަމް ވިދާޅުވިއެވެ.
Riyaasee inthihaabu kuriyah gendhuyumugai ehves kahala jareemaa eh hingaafa eh nuvaane, hurihaa kamehves kuriyah gendhiyaee gaanoonuge therein minvan kamaai insaafaai eku, adhi Supreme Court ge hukumun ekan ithurah kashavaruvey.
— Ahmed Akram (@akram4535) December 3, 2018
އަކްރަމް އިޝާރާތްކުރެއްވި ހުކުމަކީ ރިޔާސީ އިންތިޚާބު ބާޠިލްކޮށްދިނުމަށް އެދި، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުން ބަލިވެވަޑައިގަތް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލައިގައި، އިންތިޚާބު ބާޠިލްކުރާނެ ޖާގައެއް ނެތްކަމަށް ސުޕްރީމް ކޯޓުން އިއްވި ހުކުމެވެ.
ގޯހެއް ހަދާފައިވާކަމަށް ފެންނަނަމަ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް އަކްރަމް ގޮވާލައްވާފައިވަނީ، ރިޔާސީ އިންތިޚާބު އިންސާފުވެރި ނޫންކަމަށް އަނެއްކާވެސް ރައީސް ޔާމީން ވިދާޅުވެފައިވަނިކޮށެވެ. ވެރިކަން ބަދަލުވުމަށްފަހު ފުރަތަމަ ފަހަރަށް މީޑިއާއާއި ބައްދަލުކުރައްވައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އިންތިޚާބަށްފަހު، އިންތިޚާބު އޮޅުވާލިކަމަށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތައް އަނެއްކާވެސް ތަކުރާރުކުރައްވާފައެވެ.
އަކްރަމް ވިދާޅުވީ އިންތިޚާބު އޮޅުވާލިކަމަށް ދެކެވޭ ވާހަކަތަައް ކަމާއި ބެހޭ ފަރާތްތަކަށް ހުށަހެޅުމަށާއި، ހުށަހަޅައިފިނަމަ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަން ސާބިތުކޮށްދެއްވާނެ ކަމަށެވެ.
ރައީސް ޔާމީން ވަނީ އިންތިޚާބުގައި ބޭނުންކުރި ވޯޓު ކަރުދާސްކޮޅުތައް ޝްރެޑްކުރުން އެއީ ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެކަމާއި ގުޅޭގޮތުން މިވަގުތު ޗުއްޓީއެއްގައި ޤައުމުން ބޭރުގައި ހުންނެވި އަކްރަމްއާއި ރާއްޖެ.އެމްވީއިން ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ ރައީސް ޔާމީން އަކީ ރާއްޖޭގައި 5 އަހަރު ވެރިކަން ކުރައްވާފައިވާ ބޭފުޅެއްކަމަށާއި، އެފަދަ ބޭފުޅަކަށް ޤާނޫނު އެނގިވަޑައިގަންނަވާނެކަމަށެވެ. އެހެންކަމުން ރައީސް ޔާމީން އެފަދަ ވާހަކަފުޅެއް ދައްކަވާފާނެކަމަށް ޤަބޫލު ނުކުރައްވާކަމަށް އަކްރަމް ވިދާޅުވިއެވެ.