ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގާނީ މުޅި ދުނިޔެއަށް ހުޅުވާލައިގެން ކަމަށާއި، ވަކި ގައުމަކަށް ބަރޯސާނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކަށް އެހީ ހޯދުމަށް ހުރިހާ ގައުމާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، ގައުމުތަކާއެކު ގާތްގުޅުމެއް އުފައްދާނެ ކަމަށެވެ.
އެގޮތުން ސައުދީ ސަރުކާރާ މަޝްވަރާ ކުރެވުނު ކަމަށާއި، ފިނޭންސް މިނިސްޓްރީގެ އޮފިޝަލުން އަބޫދާބީގެ އިސް ބޭފުޅުންނާއި ވެސް ބައްދަލުކުރައްވާ ފުޅާ ދާއިރާގައި މަޝްވަރާ ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރަށް މިނިސްޓަރު އަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ޗައިނާއާ އެއްކޮށް ގާތްގުޅުމެއް ބާއްވާނެ ކަމަށެވެ.
"އޭގެ އިތުރުން އަޅުގަނޑުމެން ހަމަ އާ ސަރުކާރުން ޗައިނާ އާ އެއްކޮށް ވެސް އަޅުގަނޑުމެން ކުރިން ވެސް އެއޮތް ގުޅުން ކުރިއަށް ގެންދާނެ. ޗައިނީސްގެ އިންވެސްޓާރސް ހޯދައިގެން ކުރިއަށް ގެންދާނެ. ޕީއައިސީޕީގެ ޕްރޮޖެކްޓްތައް ހިންގަން ޗައިނާއިން ވެސް އަޅުގަނޑުމެން ފަންޑު ހޯދާނެ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި ވަކި ފަރާތަކަށް ބުރަ ވެގެން ކަންތައްތައް ނުކުރާނެ ކަމަށާއި، މުއާމަލާތް ކުރާނީ އެއްހަމައެއްގައި ކަމަށެވެ.
"ކުރިން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ވަކި ވަކި ބަޔަކަށް ފޯކަސް ކުރެވިގެން ޕޮލިސީތައް ކުރިއަށް ގެންދިޔަތަން.އެކަމަކު މިހާރު އަޅުގަނޑުމެން މުޅި ދުނިޔެއަށް ހުޅުވާލެވިގެން އަޅުގަނޑުމެންގެ އިކޮނޮމިކް ޕޮލިސީއާ އަދި ފޮރިންގ ޕޮލިސީ ހިންގަން ނިންމާފައިވާތީ ދުނިޔޭގެ އެކި ގައުމުތަކާއި ވާހަކަ ދެކެވިގެން ކަންތައްތައް ނިއްމާފައިވަނީ" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.