އެސްޓީއޯގެ މެންޑޭޓުން މިފްކޯ ނެގުމަށްފަހު ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާއި ހަވާލުވި ފަހުން އެކަނި ވެސް މިފްކޯއަށް މަސް ވިއްކާފައިވާ މަސްވެރިންނަށް ދެއްކުމަށް 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. މިނިސްޓަރ އަމީރު ވިދާޅުވީ ރައީސް ސޯލިހުގެ ކެމްޕެއިންގައި މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދު ފުއްދާނެ ކަމަށާއި، މަސް ގަންނައިރު ވަގުތުން ފައިސާ މަސްވެރިންނަށް ލިބޭނެ ކަމަށެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ އެސްޓީއޯގެ ދަށުގައި މިފްކޯ ބާއްވައިގެން ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި، ވިސްނުމަކީ އިތުރަށް މިފްކޯ ތަރައްގީ ކޮށްގެން، މިފްކޯއަކީ ކުރިއަށް އޮތްތަނުގައި ފައިދާވާ ކުންފުންޏަކަށް ބަދަލުކުރުން ކަމަށެވެ.
"މިދިޔަ ހަފްތާގައި އެސްޓީއޯއާ އަދި މިފްކޯގެ އިސްވެރިން ފިނޭންސް މިނިސްޓްރީއަށް ގެނެސް އަޅުގަނޑުމެންނާ ވާހަކަ ދެކެވުނު. މިހާރު ހުރި މައްސަލަތަކާއި، ހުރި ގޮންޖެހުންތަކާއި، ކުރިއަށް ގެންދަން ބޭނުންވާ ގޮތާއި، އެބޭފުޅުން ޕްރޮޕޯސަލް ތަކަކީ ކޮބައިތޯ އަޅުގަނޑުމެން ބެލިން. މިފްކޯގެ މެނޭޖްމެންޓަށް އަޅުގަނޑުމެން ހުށަހަޅާފައިވާނެ ވީހާ ވެސް އަވަހަކަށް އަޅުގަނޑުމެންނަށް އެބޭފުޅުން ޕްރޮޕޯސަލްއެއް ހުށަހަޅަން،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ އިންވެސްޓްމެންޓްތައް ހޯދައި ފިނޭންސް މިނިސްޓްރީގެ ބަޖެޓްގެ ތެރެއިންނާއި، ބޭރުގެ ފަންޑް ހޯދައިގެން މިފްކޯ ކުރިއަރުވައި ފައިދާ ވާ ކުންފުންޏަކަށް ބަދަލުކުރާނެ ކަމަށެވެ.