ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު ގަދަވެއްޖެއެވެ.
ރައީސް ނަޝީދު އިންތިޚާބުގައި ވާދަކުރައްވާނެކަމުގެ އަޑުތައް ގަދަވެފައި މިވަނީ އަންގާރަ ދުވަހުގެރޭ ބާއްވާ މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ހަރަކާތަކަށް ވަޑައިގެން ދެއްވުން އެދި ހުރިހާ ފަރާތަކަށް ދައުވަތު އަރުވައި ރައީސް ނަޝީދު ޓްވީޓެއް ކުރެއްވުމުންނެވެ.
4 December 2018 dhuvahuge rey 9:00 ga Machangolhi, Kaaminee Magu ga onna majlis inthikhaab ge campaign harakaathakah vadaigaiy dhevvumah edhi enme beyfulhunnah dhauvath aruvan
— Mohamed Nasheed (@MohamedNasheed) December 3, 2018
ރައީސް ނަޝީދުގެ ޓްވީޓްގައިވަނީ އެހަރަކާތް އޮންނާނީ މައްޗަންގޮޅީ ކާމިނީމަގުގައި އަންގާރަ ދުވަހުގެރޭ 9:00 ޖަހާއިރު ކަމަށެވެ.
އެސަރަހައްދަކީ މާލޭގައި އަލަށް އުފެދޭ 2 އިންތިޚާބީ ދާއިރާގެ ތެރެއިން މައްޗަންގޮޅީ މެދު ދާއިރާގައި ހިމެނޭ ސަރަހައްދެކެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ނިންމާފައެވެ.
ރައީސް ނަޝީދު ކުރިއަށް އޮތް އާއްމު އިންތިޚާބުގައި ވާދަކުރައްވާނަންތޯ އެކި ފަހަރުމަތިން ނޫސްވެރިން ސުވާލު ދެންނެވުމުންވެސް، ވާދަ ނުކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައެއް ނުވެއެވެ. އަދި ސުޕްރީމް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ބާޠިލްކުރުމުން ސިޔާސީ ހަޔާތްޕުޅު އަދި އޮތީ ކުރިއަށްކަމަށް ދޭހަވާ މޭރުމަކުން ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ނަޝީދު ވަކި އިވެންޓެއްގެ ދައުވަތު އެންމެހާ ފަރާތްތަކަށް އެރުވުމުން އެއިވެންޓަކީ އެމަނިކުފާނުގެ ކެމްޕެއިން ލޯންޗްކުރުމަށް ބައްވާ އިވެންޓެއްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
ރައީސް ނަޝީދު ވަނީ މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ މާލޭ ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ.