ރައީސް ޔާމީންގެ ސަރުކާރުން، ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ، ނުވަތަ ނުޙައްޤުން ފިޔަވަޅު އަޅައިފައިވާ މުވައްޒަފުން، އެފަދަ ޝަކުވާތައް ހުށަހެޅުމަށް ކަނޑައަޅައިފައިވާ ފޯމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތަޢާރަފު ކޮށްފިއެވެ.
ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ފިޔަވަޅު އަޅާފައިވާ ފަރާތްތަކުން މި ފޯމު ފުރުއްވުމަށްފަހު ހުށަހަޅުއްވާނީ، ހޯމަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށްކަމަށް އެއޮފީހުން ވަނީ ބުނެފައެވެ.
ނިމިދިޔަ ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި، ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވަޒީފާއިން ވަކިކޮށްފައިވާ، ނުވަތަ ފިޔަވަޅު އަޅައިފައިވާ މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށްޓަކައި، ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކޮމިޓީއެއް އުފައްދަވައި، އެކޮމިޓީއާ އެ މަސައްކަތް ހަވާލުކުރައްވާފައެވެ.
އެފަދަ ފަރާތްތަކަށް އަނބުރާ ވަޒީފާ ހޯދައިދީ، އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަންކަމުގެ ތެރެއިން އެއް ކަންތަކެވެ.
ޝަކުވާ ހުށަހަޅާ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.