އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހާޒިރުކޮށްގެން އެ ކޮމިޝަން ޖަވާބުދާރީކުރުވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިހާތަނަށް ކޮށްފައި ނުވާ ކަމަށް އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯރޓްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ލުތުފީ ވިދާޅުވީ، އޭސީސީން ކުރާ މަސައްކަތް ވީހާވެސް ގާތުން ބަލާ، ޖަވާބުދާރީ ކުރުވުމަކީ މުހިންމު ކަމެއް ކަމަށެވެ. ލުތުފީ ވިދާޅުވީ، އޭސީސީން މިހާތަނަށް ނިންމާފައިވާ ރިޕޯރޓްތައް މަޖިލީހަށް ރަނގަޅަށް ބެލިފައިނެތް ކަމަށެވެ.
އޭސީސީން މިހާރުވެސް ބޮޑެތި މައްސަލަތައް ތަހުޤީޤު ކުރަމުންދާ ކަމަށާއި، އެގޮތުން އޭސީސީން މިހާތަނަށް 853 މައްސަލަ ބަލާފައިވާނެ ކަމަށާއި، އޭގެ ތެރޭގައި ޕީޖީއަށް ފޮނުވާފައި ހުރި މައްސަލަ އެއް ވެސް ހިމެނޭ ކަމަށް ލުތުފި ވިދާޅުވިއެވެ. ލުތުފީ ވިދާޅުވީ އޮޑިޓް އޮފީހުން ނިންމާފައި ހުރި އޮޑިޓް ރިޕޯރޓްތަކުގެ ތެރެއިން މައްސަލަތައް ހުރި ކަމަށް ފާހަގަކޮށްފައި ހުރީ ވަރަށް މަދު އޮޑިޓް ރިޕޯރޓެއްގައި ކަމަށެވެ.
މިހާތަނަށް އޮޑިޓް ރިޕޯރޓާއި ގުޅިގެން 358 މައްސަލަ ބަލާފައިވާނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.
"އަދި ނުބަލާ އަޅުގަނޑުމެން ދޫކޮށްލާފައި ހުންނާނެ 369 މައްސަލައެއް، 16 މައްސަލަ އެއް ޕީޖީ އޮފީހަށް ފޮނުވިފައި، އަދި 106 މައްސަލައެއްގައި އަޅުގަނޑުމެން ވާނީ ފައިސާ ހޯދުމަށް އެކި އެކި އިދާރާތަކަށް ފޮނުވާފައި" ލުތުފީ ވިދާޅުވިއެވެ.
މި މައްސަލަތަކާއި ގުޅިގެން ގިނަ އަދަދެއްގެ ފައިސާ ހޯދިފައި ވާނެ ކަމަށާއި، އެގޮތުން ދެ ބިލިއަނެއްހާ ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.