ކޮރަޕްޝަން ހުއްޓުވުމަށް ޒީރޯ ޓޮލަރެންސް ޕޮލިސީ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ގާއިމްކުރަން ޖެހޭ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ލުތުފީ ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތުގެ ކުރެވިގެން، މީހަކާއި ދެކޮޅަށް ދައުވާ ކުރާ ހިސާބަށް ފޮނުވީމާ އެމީހާ ހިމާޔަތްކުރުމުގެ ބަދަލުގައި އެމީހާއަށް އޭގެ އަދަބު ދޭ ބަޔަކަށް އެންމެންވާން އެބަޖެހޭ ކަމަށެވެ. އެދުވަސް ފެނުނު ދުވަހަކުން ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތަށް ހުއްޓުވޭނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން ނަމުގައި އިދާރާއެއް އުފައްދަވާފައި އެތަނަށް ގާނޫނެއް ދީފައި ބަޖެޓެއް ދީފައި މުވައްޒަފުންތަކެއް ދިނަސް ނުވާނެ. ހަމައެކަނި އެތަނަކުންނެއް ނޫން ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވަން ހުރީ. އަޅުގަނޑުމެން ކޮންމެ އިދާރާއެއްގެ ކޮންމެ މީހެއް އޭގެ މަސްއޫލިއްޔަތެއް އަދާ ކުރަންޖެހޭ މީހެއް ކަމަށް ގަބޫލުކުރަން އެބަޖެހޭ. އެހެންވީމައި އެކަންކަން އެންމެން އެކީގައި ގުޅިގެން މަސައްކަތްކޮށްފި ކަމުގައި ވަނީނަމަ، ޒީރޯ ޓޮލަރެންސް ޕޮލިސީ ސަރުކާރުގެ ސިޔާސަތެއް ގޮތުގައި ގާއިމްކުރެވެން އެބަޖެހޭ،" ލުތުފީ ވިދާޅުވިއެވެ.
ލުތުފީ ވިދާޅުވީ ދައުލަތުން ގެއްލިގެންދާ ފާއިސާ ހޯދުމުގެ މަސައްކަތް އޭސީސީއިން ކުރަމުން އަންނައިރު، އެ ފައިސާ ހޯދުމުގައި ރާއްޖޭގެ ބޭންކިންގ ނިޒާމް އޮންނަ ގޮތުން ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ. ލުތުފީ ވިދާޅުވީ ބޭންކިންގ ނިޒާމް އޮންނަ ގޮތުން ގެއްލިގެންދާ ފައިސާ ނުހޯދޭ ކަމަށާއި، ގިނަ ފަހަރަށް އެ ފަދަ މައްސަލަތަކުގައި ދޫކޮށްފައި ހުންނަނީ ޗެކްތައް ކަމަށެވެ. ބޭންކަކީ އެންމެ ގިނަ މީހުންގެ މައުލޫމާތު އެއްކުރެވިފައި ހުންނަ ތަން ކަމަށާއި، ނަމަވެސް އޭސީސީން ބޭނުންވާ މައުލޫމާތު ހޯދުމުގައި ނޫނީ ލިބިގަތުމުގައި ބޭންކިންގ ނިޒާމް އޮންނަ ގޮތުން ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
ކޮރަޕްޝަންގެ މައްސަލަތަށް ހުއްޓުވުމަށް ރާއްޖޭގެ ބޭންކިންގ ނިޒާމް ރަނގަޅު ކުރަންޖެހޭ ކަމަށާއި، އެކަމަށް ބޭންކްތަކުގެ ވެރިންނާއި ވަރަށް ގިނަ ފަހަރުމަތިން މަޝްވަރާކުރެވިފައިވާނެ ކަމަށްވެސް ލުތުފީ ވިދާޅުވިއެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ހައްލެއް އަދިވެސް ލިބިފައިނުވާ ކަމަށް ލުތުފީ ވިދާޅުވިއެވެ. ބޭންކިންގ ނިޒާމް އޮތް ގޮތުން ކުރިއަށް އޮތް ތަނުގައިވެސް ކޮރަޕްޝަންގެ ފައިސާ ހޯދުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހިދާނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.