ފާއިތުވެގެންދިޔަ ފަސް އަހަރު ޕަބްލިކް ފައިނޭންސްގެ ކަންކަން ކުރިއަށް ގެންގޮސްފައި އޮތީ ސިއްރުން ކަމަށާއި، ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިކަން ކުރިއަށް ގެންދާނީ ދެފުށް ފެންނަ ގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ފަސް އަހަރު ފިނޭންސް މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމާއި، ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި އަދި 2019 ވަނަ އަހަރަށް މަޖިލީހަށް ހުށަހެޅި، މިހާރު ފާސް ކުރެވިފައިވާ ބަޖެޓާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވިދާޅުވީ މިދިޔަ ފަސް އަހަރު ޕަބްލިކް ފައިނޭންސްގެ ކަންކަން ރާވައި ހިންގާފައިހުރީ ވަރަށް ސިއްރުން ކަމަށެވެ. ނަމަވެސް މިސަރުކާރުން ޕަބްލިކް ފައިނޭންސްގެ ކަންކަން ކުރިއަށް ގެންދާނީ ރައްޔިތުންނަށް އޭގެ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ހިއްސާކޮށްގެން ކަމަށެވެ.
އެގޮތުން ފިނޭންސް މިނިސްޓްރީންގެ ފަރާތުން ޕަބްލިކް ފައިނޭންސްގެ މައުލޫމާތު ކޮންމެ ހަފްތާއެކު އެއްފަހަރު ވެބް ސައިޓަށް އަޕްލޯޑްކޮށް އާންމުންނާއި ހިއްސާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ފާހަގަވެފައިވާ އެއްކަމަކީ ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސް ކަމަކީ ސަރުކާރުގެ ފައިސާގެ މުއާމަލާތްތަކާއި ލޯނު އެގްރިމެންޓްތައް ހެދުމާއި އަދި މިހުރިހާ ކަންތައްތައް. ނުތަނަވަސްކަން މިހިމެނެނީ ޓްރާންސްޕޭރެންޓްކޮށް މިކަންތައްތައް ނުކުރެވޭތީވެ،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ ރައްޔިތުންގެ މެދުގައި މިއުފެދޭ ނުތަނަވަސްކަން ފިލުވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ގަވާއިދުން ކުރާނެ ކަމަށާއި، މަސައްކަތްތައް ކުރިއަށް ގެންދާނީ ރައްޔިތުންނާއި ގާތުން ކަމަށެވެ.