ދައުލަތުގެ ފަރާތުން 24 ފަރާތަކަށް ސޮވަރިން ގެރެންޓީ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ 24 ފަރާތަކަށް ސޮވަރިން ގެރެންޓީ ދޫކޮށްފައިވާ ކަމަށާއި، އެ ގެރެންޓީތަކުގެ އަދަދު، 1.368 ބިލިއަން ޑޮލަރަށް އަރާކަމަށެވެ. އަދި މިހާތަނަށް ބޭނުން ކުރެވިފައި ހުރީ، 666 މިލިއަން ޑޮލަރުގެ ސޮވަރިން ގެރަންޓީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ސޮވަރިން ގެރެންޓީ ދީފައިވަނީ އަމިއްލަ އެއް ފަރާތަކަށް ކަމަށާއި، ދެން ހިމެނެނީ ސަރުކާރުގެ ކުންފުނިތައް ކަމަށެވެ.
ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތަކުގެ ތަފްސީލު ފިނޭންސް މިނިސްޓްރީން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް، އޮންނަ އުސޫލުގެ ތެރެއިން ފޮނުވަމުން ނުދާ ވާހަކަތަކަށް ރައްދު ދެއްވާ އެ މިނިސްޓްރީގެ ޕްރައިވަޓައިޒޭޝަން ބޯޑުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސިރާޖު ވިދާޅުވީ، ސޮވެރިން ގެރެންޓީ ދިނުމަށް ފަހު އެ މައުލޫމާތުތައް ވަކި ވަކިން އެމްއެމްއޭ އާއި ހިއްސާކުރަމުން ދިޔަ ކަމަށެވެ.
"ސޮވެރިން ގެރެންޓީ ދޭ އުސޫލެއް އޮންނާނެ. އުސޫލުގެ ތެރެއިން ހުރިހާ ފަރާތްތަކަށް ވެސް ގެރެންޓީދީފައި ވަނީ. އަދި އެމް.އެމް.އޭ އަށް ހުރިހާ މައުލޫމާތެއް ހިއްސާކޮށްފައިވަނީ. ސޮވެރިން ގެރެންޓީ އިޝޫ ކުރާތާ 30 ދުވަހުގެ ތެރޭގައި އެ މައުލޫމާތުތައް ހިއްސާކުރަން،" ސިރާޖް ވިދާޅުވިއެވެ.
ސޮވަރިން ގެރެންޓީ އަކީ އަމިއްލަ ފަރާތްތަކުން ނަގާ ލޯނަކަށް ދައުލަތުން ޒިންމާވާނެ ކަމަށް ބުނެ ދީފައިވާ ލިޔުމެކެވެ.