ސަރުކާރުގެ އިސްބޭފުޅުންނާއި އިއްޒަތްތެރިން ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ދެންނެވުމަށް ސުކޫލް ކުދިން ނުނެރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގައިފިއެވެ.
ހޯމަ ދުވަހު މިނިސްޓްރީން ނެރުނު ސަރކިއުލަރ އެއްގައި ބުނެފައިވަނީ ދަރިވަރުން ގިނަ ވަގުތު ކޮޅަށް ތިބުމާއި އަވީގައި ބޭތިއްބުމަކީ އެކަމުގެ ސަބަބުން ދަރިވަރުންގެ ސިއްހަތައް ނޭދެވޭ އަސަރުކޮށް ތަފާތު އުނދަގޫތަކެއް ކުރިމަތިވާކަމެއް ކަމަށެވެ. މީގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރިންގެ ވަގުތުތަކެއް މިކަމުގެ ސަބަބުން ގެއްލިގެންދާތީ ދަރިވަރުން އެގުތައް ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ނޫންކަމަށާއި އެކަން އެގޮތައްނުކުރުމަށް ވަނީ އަންގާފައެވެ.
ސްކޫލް ކުދިން ސަރުކާރުގެ އިސްވެރިންނާއި އިއްޒަތްތެރިން ވަޑައިގަންނަވާ ވަގުތުތަކުގައި ބަނދަރު ސަރަހައްދުގައި މަރުހަބާ ދެންނެވުމަށްޓަކައި ގިނަ އިރުތަކެއް ހޭދަކުރެއެވެ. ސަރުކާރުގެ އިސް ބޭފުޅުން ވަޑައިގަންނަވާއިރު ކުދިން މިގޮތަށް ނެރުމަކީ އަބަދުވެސް އިދިކޮޅުގައި އޮންނަ ޕާޓީއެއްގެ ފާޑުކިޔުން އިންތިހާއަށް އަމާޒުވާ ކަމެކެވެ.