ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަޒީރުންނަށް ވެސް ރުހުން ދިނުމަށް ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ހޯމަ ދުވަހު ފާސްކޮށްފި އެވެ
ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ރައީސް ސޯލިހުގެ ކެބިނެޓުގައި ބަންޑާރަ ނާއިބާއި 19 ވަޒީރުން ހިމެނޭ ގޮތަށް 20 ބޭފުޅަކު ތިއްބަވައެވެ.
ރައީސް ސޯލިހްގެ ކެބިނެޓަކީ މިހާތަނަށް އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނިގެން ރާއްޖޭގައި އުފެދުނު ކެބިނެޓެވެ. ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ރައީސް ސޯލިހްގެ ކެބިިނެޓްގައި ތިއްބެވި ވަޒީރުންނަށް ގިނަ ބައެއްގެ ތައުރީފް ވެސް ލިބިގެން ގޮސްފައިވެއެވެ.
ކެބިނެޓް ބަހާލާފައި ވަނީ އިއްތިހާދުގައި ހިމެނޭ ހަތަރު ޕާޓީގެ މެދުގައެވެ. އެގޮތުން އެމްޑީޕީ އަށް ސަރުކާރުގެ 40 ޕަސެންޓް ހަމަޖައްސާފައި ވާއިރު ޖުމްހޫރީ ޕާޓީއަށް ދީފައިވަނީ 25 ޕަސެންޓެވެ. ރައީސް މައުމޫންގެ އެމްއާރްއެމް އަށް 20 ޕަސެންޓް ދީފައިވާއިރު، އަދާލަތަށް ދީފައި ވަނީ 15 ޕަސެންޓެވެ.