އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީއީއޯގެ މަގާމަށް މޯލްޑިވްސް އެއާރޕޯރޓް ކޮމްޕެނީ ލިޓެޑްގެ ޗެއާމަނަކަށް ކުރިން ހުންނެވި ބަންދު އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) އައްޔަން ކުރައްވައިފި އެވެ.
ސަލީމަކީ، އެމްޑީޕީގެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިޔާގެ ޖީއެމްއާރް ކުންފުންޏާ ހަވާލުކުރި އިރު އެމްއޭސީއެލްގެ ޗެއާމަނެވެ. އަދި އޭނާގެ ކޮރަޕްޝަންގެ މައްސަލައެއް ބެލުމަށް ފަހު ޖެނުއަރީ، 16، 2014ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. ނަމަވެސް ދައުލަތުން އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމު އަދާކުރެއްވީ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރެވެ.
އައު ސަރުކާރު ވެރިކަމާ ހަވާލުވުމުން ފަރުހަތު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން ވެސް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ
ސަލީމް އައިޖީއެޗްގެ ސީއީއޯގެ މަގާމަށް އައްޔަން ކުރި ނަމަވެސް އައިޖީއެމްއެޗްގެ އިސް މަގާމުތަކަށް އިތުރު ބަދަލެއް ގެނައިކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނެތެވެ.