އަލް ފަތުހު ހައްޖު އަދި އުމްރާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު މުސްތަފާ މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މުސްތަފާގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ހައްޖަށް ގެންގޮސް ދޭނެ ކަމަށް ބުނެ 2015 ވަނަ އަހަރު އަލް ފަތުހު ހައްޖު އަދި އުމްރާ ގްރޫޕަށް ދީފައިވާ ކޯޓާގެ އަދަދަށްވުރެ އިތުރަށް އެ އަހަރު ހައްޖަށް ގެންގޮސް ދޭނެ ކަމަށް ބުނެ އިތުރު 72 މީހެއްގެ އަތުން ފައިސާ ނަގައި، ހައްޖަށް ގެންގޮސް ދީފައި ނުވާތީއެވެ.
އެ މައްސަލާގައި ޝަރީއަތް ހިންގުމަށް މިދިޔަ އޮކްޓޯބަރު މަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މި ދައުވާގެ މައްޗަށް ބިނާވެގެން ކުރެވިފައިވާ ތަހުޤީޤުތައް ފުރިހަމަ ނޫން ކަމަށާއި، އެއީ ޤާނޫނީ ގޮތުން ބާތިލު ތަހުޤީޤެއް ކަމަށެވެ. މީގެ އިތުރުން ދިފާއީ ހެކިންގެ ހެކިބަހުން މުސްތަފާ އެ ދައުވާ އަށް އިންކާރުކޮށް ދައްކާފައިވާ ވާހަކަތަކަށް ބާރުލިބޭ ކަމަށާއި، އެކަންކަން ނަފީ ކުރެވޭނެ ޤާނޫނީ ހެއްކެއް ނުވަތަ ޤަރީނާއެއް ދައުލަތުން ހުށައަޅާފައި ނުވާ ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.
ކުށް ސާބިތު ކުރުމުގެ އެއް އުންސުރު ކަމަށްވާ ކުށުގެ އަމަލުގެ ނިޔަތަށް ބަލާއިރު، މި މައްސަލާގައި ހެކިބަސް ދިން ފަރާތްތަކުގެ ހެކި ބަހަށް ބަލައި، ދައުވާ ލިބޭ ފަރާތުގެ ޖިނާއީ ކުށުގެ ނިޔަތެއް އޮތް ކަމަށް ޝަރީއަތަށް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް ހުކުމުގައި ފާހަގަ ކުރައްވާފައި ވެއެވެ.
އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާތީ މި ދައުވާ ބާތިލު ކޮށްފައިވާ އިރު، މި މައްސަލައިގައި ފުލުހުން މުސްތަފާ ހައްޔަރުކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. ނަމަވެސް އޭރު ސިއްހީ ހާލަތު ހުރި ގޮތުން ފުލުހުން ވަނީ މުސްތަފާ ދޫކޮށްލާފައެވެ.