ގުޅިފައިވާ ޕާޓީތަކުން މަޖިލިސް އިންތިހާބުގައި ގޮނޑިތަކަށް ވާދަ ކުރުމާ ގުޅޭ ގޮތުން ކޯލިޝަން ޕާޓީތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމެއް އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ވީ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީސް އިންތިޚާބާއި، ލޯކަލް ކައުންސިލް އިންތިޚާބަށްވެސް އެކުގައި ނިކުތުމަށް ޕާޓީތަކުންވެފައިވާ އެއްބަސްވުމެއް އެބައޮތް ކަމަށާއި އެ އެއްބަސްވުން ޖުމްހޫރީ ޕާޓީން ދަމަހައްޓާނެ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން ވާދަކުރާނެ ގޮނޑިތައް ނިންމާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ވެސް ރިޔާޒް ވަނީ ބުނެފައެވެ.
ޖުމްހޫރީ ޕާޓީން މިހެން ބުނެފައިވާއިރު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މަޖިލިސް އިންތިހާބުގައި ގޮނޑިތަކަށް ވާދަ ކުރުމާ ގުޅޭ ގޮތުން ކޯލިޝަން ޕާޓީތަކުގެ މެދުގައި އެއްބަސްވުމެއްގައި އެމްޑީޕީން ސޮއި ކޮށްފައި ނުވާނެ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންވައި، ހޮނިހިރު ދުވަހުގެ ރޭ ހަސަން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކާ އެކު މަޝްވަރާތައް ކުރިއަށް ދިޔަ ދުވަސްވަރު، ކޯލިޝަން ޕާޓީތަކަށް އެމްޑީޕީން ހުށަހެޅި ހުށަހެޅުމެއްގައި އެ ޕާޓީގެ ފަރާތުން އޭނާ ސޮއި ކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އެ ހުށަހެޅުމަށް ބައެއް ޕާޓީތަކުން އެއްބަސް ނުވާ ކަމަށާއި އެހެންކަމުން އެއީ އެއްބަސްވުމެއް ކަމަށް އެ ޕާޓީން ނުދެކޭ ކަމަށް ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ޖޭޕީ އާއި އެމްޑީޕީން މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ގޮތާ ގުޅޭ ގޮތުން ވަކި އެއްބަސްވުމެއް ހެދުމަށް ޖޭޕީން ހުށަހެޅި ކަމަށާއި ނަމަވެސް އެކަމަށް އެމްޑީޕީން އެއްބަސްވެފައި ނުވާނެ ކަމަށެވެ.
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގައި ވަނީ އަންނަ އަހަރުގެ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާ އަށް ވާދަ ކުރުމަށް ފާސްކޮށްފައެވެ.
މި އަހަރުގެ ޖުލައި 12 ގައި ސޮއިކުރައްވާފައިވާ ކަމަށް ބުނާ އެ އެއްބަސްވުމުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވާފައިވެއެވެ. އެމަނިކުފާނުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަޠީފު ސޮއި ކުރައްވާފައިވާ އެ އެއްބަސްވުމުގައިވާ ގޮތުން އެމްޑީޕީން އެއްބަސްވީ 35 ދާއިރާއަކަށް ވާދަ ކުރުމަށެވެ. ބާކީ ހުރި ދާއިރާތައް ޖޭޕީއަށާއި އެމްއާރްއެމަށާއި އަދާލަތަށެވެ.