ހޯމް މިނިސްޓަރުގެ މަގާމުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އިސްތިއުފާ ދެއްވުމަށްފަހު، އަލުން އެ މަގާމާ އެމަނިކުފާނު ހަވާލުވެވަޑައިގެންފިއެވެ.
މިދިޔަ މަހުގެ 17ގައި ހޯމް މިނިސްޓަރުކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި އިމްރާން އެ މަގާމުން އިސްތިއުފާ ދެއްވީ އާދީއްތަ ދުވަހުގެ ހެނދުނެވެ. އިސްތިއުފާ ދެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަނެއްކާވެސް އެމަނިކުފާނު އެ މަގާމަށް އައްޔަން ކުރައްވައި، މަގާމުގެ ފަތްކޮޅު އަރުވާފައެވެ.
އެކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު ވިދާޅުވީ އިމްރާން އިސްތިއުފާ ދެއްވީ އެމަނިކުފާނު އަމިއްލަފުޅަށް ބޭނުންވެގެން ކަމަށާއި ރައީސް އޮފީހުން ދެކެނީ އެމަނިކުފާނު އެންމެ ފުރަތަމަ އެ މަގާމަށް އައްޔަން ކުރެއްވީ ވެސް ގާނޫނާ އެއްގޮތަށް ކަމަށް ދެކޭ ކަމަށެވެ.
ބާރަ އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލު ނުކުރަނީސް، އިމްރާން އެ މަގާމަށް އައްޔަން ކުރެއްވުމާއި ގުޅޭ ގޮތުން ގާނޫނީ ބޭފުޅުން ގެންދަވަނީ އެމަނިކުފާނުގެ ވަޒީރުކަމާމެދު ސުވާލު އުފައްދަމުންނެވެ.
ހޫދު ވިދާޅުވީ އިމްރާން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ އާންމުންގެ ތެރޭގައި އެކަމާ ގުޅޭ ގޮތުން އިތުރު ސުވާލެއް ނުއުފެއްދުމަށް ކަމަށެވެ.
އިމްރާނަށް ކުރި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.
ގާނޫނުއަސާސީގެ 130 ވަނަ މާއްދާގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުމެވެ.