ގުޅިފައިވާ ޕާޓީތަކުން މަޖިލިސް އިންތިހާބުގައި ގޮނޑިތަކަށް ވާދަ ކުރުމާ ގުޅޭ ގޮތުން ކޯލިޝަން ޕާޓީތަކުގެ މެދުގައި އެއްބަސްވުމެއްގައި އެމްޑީޕީން ސޮއި ކޮށްފައި ނުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންވައި، ހޮނިހިރު ދުވަހުގެ ރޭ ހަސަން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކާ އެކު މަޝްވަރާތައް ކުރިއަށް ދިޔަ ދުވަސްވަރު، ކޯލިޝަން ޕާޓީތަކަށް އެމްޑީޕީން ހުށަހެޅި ހުށަހެޅުމެއްގައި އެ ޕާޓީގެ ފަރާތުން އޭނާ ސޮއި ކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އެ ހުށަހެޅުމަށް ބައެއް ޕާޓީތަކުން އެއްބަސް ނުވާ ކަމަށާއި އެހެންކަމުން އެއީ އެއްބަސްވުމެއް ކަމަށް އެ ޕާޓީން ނުދެކޭ ކަމަށް ހަސަން ވިދާޅުވިއެވެ.
"އެއްބަސްވުމެއް ކަމަށް އިއްތިހާދުގެ ބައެއް ބޭފުޅުން ދެކިވަޑައިގެންނެވި ކަމުގައިވިޔަސް، އަޅުގަނޑުމެން ނުދެކެން އެއީ އެއްބަސްވުމެއް ކަމަށް. ހުށަހެޅުމެއް އަޅުގަނޑުމެން ހުށަހެޅިން. އެހެން ޕާޓީތަކުން އެއާމެދު ދެކޭ ގޮތް ބަލަން. ކޯލިޝަންގެ ހުރިހާ ޕާޓީއަކުން އެއަކަށް އެއްބަހެއް ނުވި. އެކިއެކި ސަބަބުތަކާހުރެ ބައެއް ޕާޓީތަކަށް އެއްބަހެއް ނުވެވުނު. އެހެންވީމަ ކޯލިޝަންގެ މެދުގައި މި ގޮނޑިތައް ބަހާނެ ގޮތާ ގުޅޭ ގޮތުން، އެއްވެސް އެއްބަސްވުމެއްގައި މި ޕާޓީއަކުން ސޮއިކޮށްފަ އެއް ނުވާނެ،" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ޖޭޕީ އާއި އެމްޑީޕީން މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ގޮތާ ގުޅޭ ގޮތުން ވަކި އެއްބަސްވުމެއް ހެދުމަށް ޖޭޕީން ހުށަހެޅި ކަމަށާއި ނަމަވެސް އެކަމަށް އެމްޑީޕީން އެއްބަސްވެފައި ނުވާނެ ކަމަށެވެ.
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގައި ވަނީ އަންނަ އަހަރުގެ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާ އަށް ވާދަ ކުރުމަށް ފާސްކޮށްފައެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުން އެގޮތަށް ފާސްކޮށްފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ކައުންސިލް އިންތިހާބުގައި ގުޅިފައިވާ ހަތަރު ޕާޓީން ގުޅިގެން ވާދަކުރުމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވާހަކަ ދައްކާފައިވަނިކޮށެވެ. އެގޮތުން މަޖިލިސް އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުން ވާދަކުރާނެ ގޮތްތަކާ ގުޅޭ ގޮތުން އެމްޑީޕީން އެއްބަސްވެފައިވާ ލިޔުމެއް ވަނީ އާންމުވެފައެވެ.
މި އަހަރުގެ ޖުލައި 12 ގައި ސޮއިކުރައްވާފައިވާ ކަމަށް ބުނާ އެ އެއްބަސްވުމުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވާފައިވެއެވެ. އެމަނިކުފާނުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަޠީފު ސޮއި ކުރައްވާފައިވާ އެ އެއްބަސްވުމުގައިވާ ގޮތުން އެމްޑީޕީން އެއްބަސްވީ 35 ދާއިރާއަކަށް ވާދަ ކުރުމަށެވެ. ބާކީ ހުރި ދާއިރާތައް ޖޭޕީއަށާއި އެމްއާރްއެމަށާއި އަދާލަތަށެވެ.