ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، އަބޫދާބީ ފަންޑުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.
ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި އަބޫދާބީ ފަންޑުގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާއި އެމަނިކުފާނު ވަނީ އަބޫދާބީގައި ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްޤީއަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ކުރިއަށް އޮތްތަނުގައިވެސް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން އަބޫދާބީ ފަންޑާއިއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވިއެވެ.
FM @abdulla_shahid meets with H.E. Mohamed Saif Al Suwaidi, Director General of Abu Dhabi Fund for Development. Conveyed appreciation for the notable support received from #UAE & for the assurances of continued assistance towards the development of the Maldives. @ABUDHABI_FUND pic.twitter.com/FkTtUIbXA4
— MFA Maldives (@MDVForeign) November 30, 2018
މިބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަހުމަދު ޚަލީލްގެ އިތުރުން ދިވެހި ސަރުކާރުން ޔޫ.އޭ.އީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ޙުސައިން ނިޔާޒް ބައިވެރިވެވަޑައިގެންނެވިކަމަށް ޚާރިޖީ ވުޒާރާއިން މައުލޫމާތު ދެއެވެ.
އަބޫދާބީ ފަންޑުން މީގެ ކުރިންވެސް ރާއްޖެއަށް ގިނަ އެހީތަކެއް ވަނީ ފޯރުކޮށްދީފައެވެ.
އިންޑިއާއަށާއި ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ ޝާހިދު މިހާރު ވަނީ އެނބުރި މާލެ ވަޑައިގެންފައެވެ.