2019 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ދާއިރާތައް ކަނޑައެޅުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މަޖިލިސް އިންތިހާބުގައި ވާދަކުރާ ދާއިރާތައް ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އިއުލާން ކުރަން އެމްޑީޕީން ނިންމުމަށްފަހު، ފަހުން އެޕާޓީން ނިންމާފައިވަނީ ދާއިރާތައް އިއުލާނުކުރާނީ ހޮނިހިރު ދުވަހުގެރޭ ކަމަށެވެ.
އެމްޑީޕީން ވަނީ އެ ޕާޓީގެ ޓިކެޓް ލިބޭނީ ޕްރައިމަރީ އަކަށްފަހު ކަމަށް އިއުލާން ކޮށްފައެވެ. އެގޮތުން އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވުމުގެ މުއްދަތު ހަމަވަނީ ކުރިން އިއުލާންކުރި ޓައިމްލައިންގައި ބުނާ ގޮތުންނަމަ ހަތެއް ޑިސެމްބަރު 2018 އަށެވެ.
މީގެއިތުރުން ޕްރައިމަރީގައި ވޯޓު ލެވޭނީ އެ މުއްދަތާއި ހަމައަށް މެމްބަރޝިޕް ފޯމް ޕާޓީއަށް ހުށަހަޅާ ފަރާތްތަކަށް ކަމަށާއި، ވޯޓާސް ލިސްޓް އާންމު ކުރުމާއި، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައި ވަނީ 13 ޑިސެމްބަރަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ވޯޓާރސް ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވާ ދުވަހަކީ 16 ޑިސެމްބަރެވެ. އަދި ފައިނަލް ވޯޓާރސް ލިސްޓް އާންމުކުރުމަށް ހަމަޖެހިފައި ވަނީ 18 ޑިސެމްބަރު ގައެވެ.
ޕްރައިމަރީގައި ވާދަ ކުރުމުގެ ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާ ދުވަހަކީ 19 ޑިސެމްބަރެވެ. އެމްޑީޕީ ޕްރައިމަރީގައި ވޯޓުލުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.
އެޕްލިކޭޝަން ފޯމް ހުށަހަޅާއިރު ތާއީދު ފޯމްގައި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކުރިމަތިލާ ދާއިރާ އަށް ވޯޓުލުން ހައްގުވާ 200 މީހުންގެ ސޮއި ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާންގައި ވެއެވެ.
ޓައިމްލައިންގައި ހިމެނޭ އެހެން ތާރީހުތަކަށް ބަދަލު އައިކަމެއް ނުވަތަ ނޫންކަމެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.