އެމެރިކާގެ 41 ވަނަ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް އަވަހާރަވުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާގެ މެސެޖެއް ފޮނުވައިފިއެވެ.
ހޮނިހިރު ދުވަހު ރައީސް ފޮނުވި ތައުޒިޔާގެ މެސެޖުގައި ދިވެހި ސަރުކާރާއި، އެންމެހާ ދިވެހި ރައްޔިތުންގެ ނަމުގައި ބުޝްގެ އާއިލާއަށާއި، ސަރުކާރާއި އަދި އެމެރިކާގެ ރައްޔިތުންނަށް ތައުޒިޔާ ކިއުއްވާފައިވެއެވެ.
ރައީސްގެ މެސެޖުގައި ބުޝްއަކީ ވަރުގަދަ ސަހުޝިއްޔަތެއް ކަމަށާއި، އެމަނިކުފާނުގެ ގިނަ ދުވަސްވީ ޚިދުމަތްތަކުގެ ވާހަކަ ބަޔާން ކުރައްވާފައިވެއެވެ.
މީގެ އިތުރުން ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ، 2004 ވަނަ އަހަރު އެރި ސުނާމީއަށްފަހު އެމެރިކާގެ ކުރީގެ ރައީސް ކްލިންޓަންއާއެކު ރާއްޖޭގެ ހާލަތު ބެއްލެވުމަށް ބުޝް ކުރެއްވި ޒިޔާރަތަށްފަހު އަދި އދ ގެ އެހީ ހޯދުމުގައި ބުޝް ވެދެއްވި އެހީތެރިކަމަށްފަހު ދިވެހިންގެ ހިތްތަކުގައި އެމަނިކުފާނަށް ހާއްސަ ޤަދަރެއް ދެވިފައިވާ ކަމަށެވެ.
ޖޯޖް އެޗް. ޑަބްލިޔޫ ބުޝްއަކީ 2001-2009 އަށް އެމެރިކާގެ ރައީސްކަން ކުރެއްވި ޖޯޖް ޑަބްލިޔޫ ބުޝްގެ ބައްޕާފުޅެވެ. އަދި އޭނާއަކީ އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ކުރީގެ ގަވަރްނަރ ޖެބް ބުޝްގެވެސް ބައްޕާފުޅެވެ.
އުމުރުފުޅުން 94 އަހަރުފުޅުގައި ބުޝް އަވަހާރަވެފައިވާއިރު، މިފަހަކަށް އައިސް ސިއްހީ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވެވަޑައިގެން ބުޝްއަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކުރެވި ފަރުވާ ދެވިފައެވެ.