މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ދިވެހި ރާއްޖެއަކީ އެއިޑްސް ބަލި ޖެހިފައިވާ މީހުން ނިސްބަތުން މަދު ގައުމެކޭ ބުނެވިދާނެއެވެ. އެންމެ ފުރަތަމަ އެޗްއައިވީ ޖެހިފައިވާ މީހެއް ރާއްޖެއިން ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ. އެގޮތުން 2017ވަނަ އަހަރާ ހަމައަށް އެ ބަލި 25 މީހެއްގެ ގައިން ފެނިފައިވެއެވެ. މީގެ ތެރެއިން 12 ދިވެއްސަކު ވަނީ މި ބަލީގެ ޝިކާރަ އަކަށްވެ މި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. މީގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީންގެ މެޑިކަލް ޗެކަޕުން 415 ބިދޭސީއެއްގެ ގައިން ވަނީ މިބަލި ފެނިފައެވެ.
ރާއްޖޭގެ އަބާދީގެ ނިސަބަތުން މި ބަލީގެ ނުރައްކާތެރިކަން ރާއްޖެއަށް އޮތް މިންވަރު ވަކިން ކުޑައެންނޫނެވެ. އެގޮތުން މި ބަލީގެ ނުރައްކާތެރިކަން ރާއްޖެއަށް އޮތް މިންވަރަށް ބަލާލާއިރު މި ބަލި ކުއްލިއަކަށް ފެތުރިގެން ދިއުމަށް ބޭނުންވާ ރައްކާތެރި ނޫން އަމަލާއި އާދަތައް ފެންނަން ހުރިކަން ފާހަގަ ކުރެވިފައި ވެއެވެ. އެގޮތުން 2008 ވަނަ އަހަރު ހެދި ބައިލޮޖިކަލް އެންޑް ބިހޭވިއެރަލް ސާރވޭއިން ދައްކާގޮތުގައި ރާއްޖޭގައި މިބަލި ޖެހުމަށް މަގުފަހިވާފަދަ އާދަތަކަށް ބަލާލާއިރު ފައިސާއަށް ނުވަތަ އެނޫންވެސް އެއްޗަކަށް ހަށި ވިއްކުން މަސްތުވާތަކެތި ބޭނުންކުރުމަށް ޓަކައި އެކަކު ބޭނުން ކޮށްފައި ހުންނަ ސިރިންޖް އަދި ކަށި އަނެކަކު ބޭނުންކުރުން އަދި ޖިންސީ ގުޅުން ހިންގާއިރު ކޮންޑަމް ބޭނުން ނުކުރުން ފަދަ ކަންކަން ފެންނަށް ހުރިކަން ފާހަގަ ކުރެވިފައި ވެއެވެ.
މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ ކަންތައްތަކެއް ކޮށްފައި ވާކަން ފަހަގަ ކުރެވިފައިވެއެވެ. އެގޮތުން ކޮންމެ ފަސް އަހަރަކުން ސްޓްރެޖިކް ޕްލޭނެއް ތައްޔާރު ކުރުން ހިމެނެއެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ޕްލޭގައި މައިގަނޑު ގޮތެއްގައި ހިމެނިފައި ވަނީ މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ މެދުގައި ބައްޔާއި ބެހޭ ގޮތުން ހޭލުންތެރި ކުރުވުމާއި ބަލިން ރައކާތެރި ކުރުމާއި އަދި މި ބަލި ޖެހިފައިވާ މީހުންނަށް ދެވޭ ފަރުވާ އިތުރަށް ހަރުދަނާ ކޮށް ބަލި ޖެހިފައިވާ މީހުން ސިއްހަތު ރަނގަޅު ބައެއްގެ ގޮތުގައި ދިރިއުޅުމަށް ބޭނުންވާ ކަންކަމަށް މަގުފަހިކޮށްދިނުން ފަދަ ސިޔާސަތު ތަކެވެ. އަދި ބައްޔަށް ބޭނުންވާ ފަރުވާ އެބޭނުންވާ ފަރާތްތަކަށް ސަރުކާރުން ހިލޭ ފޯރު ކޮށްދިނުމެވެ. އަދި ބަލިން ރައްކާތެރިކުރުމަށް ބޭނުންވާ މައުލޫމާތާއި ވަސީލްތައް ފޯރުކޮށްދިނުންވެސް ނޭޝަނަލް އެއިޑްސް ޕްލޭންގެ ތެރޭރެގައި ކުރިއަށް ދެއެވެ.
ކޮންމެ އަހަރެއްގެވެސް 1 ޑިސެމްބަރަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ އެއިޑްސް ބައްޔާއި މެދު ހޭލުންތެރިކަން އިތުރު ކުރުމާއި އެއިޑްސް ބަލި ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތައް ފާހަގަ ކުރުމަށް ދުނިޔޭގެ އެއިޑްސްބަލީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެކެވެ. 1987 އިން ފެށިގެން ކޮންމެއަހަރަކު ރާއްޖޭގައިވެސް މި ދުވަސްދަނީ ކުލަގޮތެއްގައި ފާހަގަ ކުރަމުންނެވެ. މިއަހަރުގެ މި ދުވަހުގެ ޝިއާރުގެ ގޮތުގައި know your status އެވެ މި ޝިއާރުގެ މަގްސަދަކީ ވީހާވެސް ގިނަމީހުން އެޗްއައިވީއަށް ޓެސްޓްކުރުމާއި އެމީހެއްގެ އެޗްއައިވީ ހާލަތު އެނގި ޕޮޒިޓީވް ވާފަރާތްތަކަށް އަވަހަށް ފަރުވާ ފެނުމެވެ.