ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާއި ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ރެގިއުލޭޓް ކުރުމަށް ބާރ އެސޯސިއޭޝަންގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފައްދަންޖެހޭ ގޮތަށް ގާނޫނީ ހިދުމަތުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގައި ދިރާސާކުރަމުންދާ "ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ބިލު" އަށް ޢާންމުންގެ އެއްވެސް ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 03 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން ކޮމިޓީގެ މެއިލް އެޑްރެސް mv.gov.majlis@committee އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް ދެއްވުން އެދި ދެންނެވީމެވެ. އެދޭކަމަށެވެ.
ސަރުކާރުގެ ފަރާތުން ގާނޫނީ ހިދުމަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)އެވެ. އެ ބިލްގައި ބުނެފައި ވަނީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ބާރ އެސޯސިއޭޝަނެއް އުފައްދައި، ގާނޫނީ ވަކީލުންގެ މަސައްކަތާ ގުޅޭ އެންމެހައި ކަންކަން ބަލައި، ފިޔަވަޅު އަޅައި، ގާނޫނީ ވަކީލުންގެ ހިދުމަތުގެ ގާބިލުކަން އިތުރު ކުރުމަށާއި ގާނޫނީ ތައުލީމު ދިނުމުގެ ފެންވަރު މަތިކުރުމަށް އެ އެސޯސިއޭޝަނުން މަސައްކަތް ކުރަންވާނެ ކަމަށެވެ.
ބިލުގައި ހިމެނޭ މުހިއްމު ކަންކަމުގެ ތެރޭގައިހިންގާ ކޮމެޓީގެ އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށާއި ބިލް ތަސްދީގު ކުރުމާ އެކު 21 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭ ކަމަށް ވަނީ ބުނެފައެވެ. އަދި އެސޯސިއޭޝަނަށް ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ ވަކީލުން ކަމަށާއި އެސޯސިއޭޝަން ހިންގަން ބަޖެޓު ދޭނީ ދައުލަތުން ކަމަށް ވަނީ ބުނެފައެވެ.