މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ އެއިޑްސް ދުވަހެވެ.
މި ދުވަސް ފާހަގަކުރާތާ މިއަދަށް 30 އަހަރު ފުރިފައިވާ އިރު، މިއަހަރުގެ ޝިއާރަކީ “know your status” ނުވަތަ އަމިއްލަ ހާލަތު ދެނެގަތުމެވެ.
އެއިޑްސް އާއި ބެހޭގޮތުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރާ އަދި 2030 ވަނަ އަހަރާއި ހަމައަށް ދުނިޔެއިން އެއިޑްސް މުޅިން ނައްތާލުމަށް އަމާޒުކޮށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ޕްރޮގްރާމް އޮން އެޗްއައިވީ. އެއިޑްސް (ޔޫ.އެން.އޭ.އައި.ޑީ.އެސް.) އިން މި ޝިއާރާއި ގުޅޭގޮތުން ބުނެފައި ވަނީ މި ބަލި ޖެހުމަށް މެދުވެރިވާ ވައިރަސް ކަމަށްވާ އެޗްއައިވީ. ޖެހިފައިވާ 94 މިލިއަނަށްވުރެ ގިނަ މީހުންނަކީ ބަލި ޖެހިފައިވާ ކަން ނޭނގޭ މީހުން ކަމަށެވެ. އަދި މި ބަލި ނައްތާލުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް މިބަލީގެ މައުލޫމާތު ގިނަ މީހުންނަށް ނޭނގުން ކަމަށް ޔުނެއިޑްސް ގެ ރިޕޯރޓް ތަކުގައި ބަޔާންކޮށްފައި ވެއެވެ.
މިގޮތުން ހަމުގެ ކުލައަށް ބަދަލު އައުމާއި، ހަންގަނޑު ކުރަކިވުމާއި، ބޮލުގައި ރިއްސުމާއި، ކާހިތް ނުވުމާއި، މޫނުމައްޗަށް އަނދިރިވުން ފަދަ އަލާމާތްތައް މި ބަލީގެ ފުރަތަމަ ކޮޅުގައި ފެނިގެން ދާއިރު، މިއީ އެއިޑްސްގެ އަލާމާތްތަކަށް ވެދާނެކަމާ މެދު މީހުން ހޭލުންތެރިވެފައި ނުވާކަމަށް ޔުނިސެފް އިން މިދިޔަ އަހަރު ނެރުނު ރިޕޯރޓެއްގައި ބަޔާން ކޮށްފައިވެއެވެ.
މީގެ އިތުރުން ޒުވާން އުމުރުގައި މި ބަލި ޖެހޭ މީހުންގެ އަދަދު ނިސްބަތުން އިތުރުވެފައިވާ އިރު، އެޗްއައިވީ. ޖެހުމުން ފެންނަ އަލާމާތްތަކަށް ވީހާ ވެސް އަވަހަށް ފަރުވާ ހޯދުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ.
އެއިޑްސްބަލި ދިވެހި ރާއްޖެއިން ވެސް ފެނިފައިވާ އިރު، ދިވެއްސެއްގެ ހަށިގަނޑުން އެޗްއައިވީ. ފެނުނުކަން ރަސްމީކޮށް ފުރަތަމަ އިޢުލާނުކުރީ 18 ނޮވެމްބަރ 1991 ގައި ކަމާއި، ދުނިޔޭގައި އެންމެ ހަލުއި ކަމާއެކު އެއިޑްސް ފެތުރެމުން ދަނީ ދެކުނު އޭޝިޔާގައި ކަމަށް ރިޕޯރޓްތައް ބުނެއެވެ.