ފަލަސްތީނުގެ އަމަންއަމާންކަމާއި، ސަލާމަތާއި ރައްކާތެރިކަން ހޯދަދިނުމުގައި ދިވެހިރާއްޖޭގެ ރައްޔިތުން ފަލަސްތީނު ސަރުކާރަށް އަބަދުވެސް އެއްބާރުލުން ދެމުންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ބުރާސްފަތި ދުވަހު ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމު ތެރެއިން ފަލަސްތީނަށް އެއްބާރުލުން ދިނުމަކީ ރާއްޖެއިން ތާއީދުކޮށް ބަލައިގަންނަ ކަމެއްކަމަށާއި، އެފަދަ ޤާނޫނު ތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފަލަސްތީނަށް އެއްބާރުލުން ދިނުމަކީ ކޮންމެ ޤައުމަކުންވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ފަލަސްތީނުގެ އަމަންއަމާންކަމާއި، އިންސާފުގާއިމުކުރުމުގައާއި ސަލާމަތާއި ރައްކާތެރިކަން ހޯދަދިނުމުގައި ރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްތީނު ސަރުކާރާއިއެކު ޒަމާނުއްސުރެ ދެމުންދާ އެއްބާރުލުން ދެމުންދާނެ ކަމަށެވެ.
އެގޮތުން ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް ހައްލެއް ލިބެން އޮތީ 1967 ވަނަ އަހަރާއި އެއްގޮތަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ފަލަސްތީނަކީ ވެސް މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އިޒްރޭލުގެ ސަރަހައްދީ ރޮނގާއި ޖެހިގެން ދެޤައުމުގެ ގޮތުގައި އޮންނަ އޮތުމަށް އަލުން ރުޖޫޢަ ވެގެން ކަމުގައި ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ އިޒްރޭލާއި ފަލަސްތީނުގައި، އަބަދަށް ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަމަސަލަސްކަން ގާއިމުކޮށް، ހަނގުރާމައާއި ލޭއޮހޮރުވުންތައް ހުއްޓުވޭނީ، ދެ ދައުލަތް މަޝްވަރާކުރުމަށް ފުރުސަތުދީގެން ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ އެންމެހާ ރައްޔިތުން ފަލަސްތީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ހައްޤުގައި ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ދެއްވާފައިވެއެވެ.