ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މުލިއާގެ އަށް ބަދަލުވެ ވަޑައިގެންފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ހެނދުނު 10:00 ގައި ރަސްމީކޮށް އެމަނިކުފާނާއި، އެމަނިކުފާނުގެ އާއިލާ މުލިޔާގެއަށް ބަދަލުވެވަޑައިގެންފައިވާ ކަމަށެވެ.
ރައީސް ސޯލިހް މުލިއާގެޔަށް ބަދަލުވެ ވަޑައިގެންނެވި އިރު، ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާނެ ރަސްމީ ގެކޮޅުގެ ހަރަދުން 6 މިލިއަން ރުފިޔާ ކުޑަކުރަން ބަޖެޓުގައި ވަނީ ހިމަނައިފައެވެ. އެގޮތުން މިހިނގާ 2018 ވަނަ އަހަރުގެ ބަޖެޓުގައި ވާގޮތުން ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެކޮޅުގެ ހަރަދަށް 37.8 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓްގައި ވާގޮތުން ހަރަދު 31.5 މިލިއަން ރުފިޔާ ވަނީ ކުޑަކޮށްފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އެންމެ ފުރަތަމަ ދިރިއުޅުއްވީ އަމިއްލަ ގެކޮޅު ގ. ދޫވެހީގަ އެވެ. އެއަށްފަހު އަމިއްލަ ގެކޮޅު ހ. ނޫފަރާ ލާޖެއްސުމަށްފަހު އެމަނިކުފާނު ދިރިއުޅުއްވުން ބަދަލުކުރެއްވީ ހިލާލީގެޔަށެވެ. ނާއިބް ރައީސް އަބްދުﷲ ޖިހާދު ދިރިއުޅުއްވީ ރެހެންދި ފްލެޓްގަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި މުލިޔާގެ ބޭނުންކޮށްފައިވަނީ ކެމްޕޭން ހަރަކާތްތަށް ކުރިއަށްގެންދާ ޖަގަހައެއްގެ ގޮތުގަ އެވެ. އެގޮތުން ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ސަދަގާތު ފައުންޑޭޝަންގެ ގިނަ ހަރަކާތްތައް ވެސް ކުރިިއަށް ގެންގޮސްފައި ވަނީ މުލިޔާގޭގަ އެވެ.
މުލިޔާގެގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް ދިރިއުޅުއްވި އެވެ.
ރައީސް ސޯލިހު މުލިޔާގެ އަށް ދިރިއުޅުން ހުކުރު ދުވަހުގެ ހެނދުނު ބަދަލުކޮށްފައި ވާއިރު، ނާއިބު ރައީސް ފައިސަލް ނަސީމު ދިރިއުޅެމުން ގެންދަވަނީ ހިލާލީގޭގައެވެ.