ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އާއި، ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އަދި އައިލެންޑް އޭވިއޭޝަން ސާރވިސަސް (އައިއޭއެސް) އަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރައްވައިފިއެވެ.
ކުންފުނިތަކަށް މެނޭޖިންގ ޑިރެޓަރުން އައްޔަނުކުރައްވާފައިވާކަން ހާމަކޮށް ޕްރައިވެޓައިޒޭޝަން ބޯރޑުގެ ރައީސް މުހައްމަދު ނިޒާރު ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަންކުރައްވާފައިވަނީ ހުސެއިން އަމްރުކަމަށެވެ. އަމްރު ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯކަންވެސް ކުރައްވާފަ އެވެ. އަދި އޭނާއަކީ އެމްޑީޕީ ޕޮލިސީ ކޮމެޓީގެ މުޤައްރިރު އެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ އާދަމް އާޒިމް އެވެ. އާޒިމަކީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް އާޒިމް ވަނީ އެ މަޤާމު ފުރުއްވާފަ އެވެ.
އައިއޭއެސްގެ މެނޭޖިންގ ޑިރެކްޓަރ ކަމަށް އައްޔަން ކުރައްވާފައިވަނީ މުހައްމަދު ރިޒްވީއެވެ. ރިޒްވީ މީގެކުރިން ހުންނެވީ އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް މޯލްޑިވިއަން ހޮލިޑޭސްގެ މަޤާމުގަ އެވެ.
Yesterday PCB has appointed Managing Directors to the following companies.
— Mohamed Nizar (@nixaar) November 30, 2018
- Husen Amru Mohamed Rashad, G.Hadhdhunmathee Dhekunuge to STO.
- Adam Azim, M.Seenukarankaage to MWSC.
- Mohamed Rizvi, G.Uranus to IAS.
މި ކުންފުނިތަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަނު ކުރައްވާފައިވާއިރު، ކޮންމެ ކުންފުންޏެއްގައިވެސް މެނޭޖިންގް ޑިރެކްޓަރެއް ހުންނަން ޖެހޭނެކަން ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 45 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރައްވާފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޤާމަށް ވަޑައިގެން ވަނީ ކުރީގެ ސަރުކާރުން ކުންފުނިތަކަށް އައްޔަނުކުރައްވާފައިވާ އިސް ބޭފުޅުން މަޤާމުން ދުރުކޮށްފަ އެވެ.