ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ މަގާމައި ޖޮއިންޓް ޕާޓީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުގެ މަގާމު ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒަށް ލިބިވަޑައިގެންފިއެވެ.
ކިނބިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ރިޔާޒު، މައިނޯރިޓީ ލީޑަރަކަށް ހޮވިވަޑައިގެންނެވީ ދެ ވަނައަށް އެންމެ ގިނަ މަޖިލިސް މެމްބަރުން ތިބި ޕާޓީއަށް ޖޭޕީވުމުންނެވެ. ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ވުރެ ޖޭޕީގެ މަޖިލިސް މެމްބަރުންގެ އަދަދު ގިނައެވެ.
ޖޭޕީ މެމްބަރުންގެ އަދަދަކީ 22 އެވެ. އެމްޑީޕީ މެމްބަރުންގެ އަދަދަކީ 19 އެވެ. ޕީޕީއެމްގެ މެމްބަރުންގެ އަދަދަކީ 28 އެވެ.
ޖޭޕީއަށް މަޖިލިސް މެމްބަރުން އިތުރުވެގެން ދިޔައީ ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުންނާއި މިނިވަން މެމްބަރުން އެ ޕާޓީއަށް ގުޅިވަޑައިގެންނެވުމުންނެވެ.
ކޯލިޝަން ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ، ޖޮއިންޓް ޕާޓީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަކަށް ރިޔާޒު ހޮވިވަޑައިގެންނެވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ މަޖިލިސް މެމްބަރުންގެ ގިނަ ޕާޓީއަށް ޖޭޕީވުމުންނެވެ. ޖޮއިންޓް ޕާޓީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަކަށް ކުރިން ހުންނެވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމެވެ.
ރިޔާޒު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މަޖިލީހުގައި މަސައްކަތް ކުރާނީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ފުރިހަމަ ކުރުމަށް ކަމަށާއި މައިނޯރިޓީ ޕާޓީއަކަށް ޖޭޕީވުމުން، ގުޅިފައިވާ ޕާޓީތަކުގެ މަސައްކަތަށް ބަދަލެއް ނާންނާނެ ކަމަށެވެ.