ރާއްޖޭގެ ސިޔާސީ ނިޒާމުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލި ދައުލަތަށް ނުރައްކާ ވެދާނެކަން ފާހަގަކުރައްވައި އެމްޑީޕީގެ އިންޓަރނޭޝަނަލް ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޢަފޫރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުރާސްފަތި ދުވަހު މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓިޑީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަދެއްވިކަން ބަޔާންކޮށް ކުރައްވާފައިވާ ޓްވީޓަކަށް ޖަވާބުދެއްވަމުން ހާމިދު ވިދާޅުވީ، މުޖުތަމައު ފަނާކުރާފަދަ ކަންކަމުގައި ޝާމިލުވާ މީހުން ސިޔާސީ ޕާޓީތަކާއި ގުޅިވަޑައިގަތުމުގެ ސަބަބުން ރައްޔިތުން މާޔޫސްވެ، ސިޔާސީ ނިޒާމުގެ މައްޗަށް ކުރާ އިތުބާރު ގެއްލި ދައުލަތަށް ނުރައްކާވެގެންދާނެ ކަމަށެވެ.
Mujthamau fanaa kureveni kankamugai shaamil vaa meehunai siyaasee party thakaai gulhun fenumakee rayyithun maayoosve, siyaasee nizaam ge mahchah ithubaaru gelli, dhaulathah nurahkalakah vey.
— Hamid Abdul Ghafoor (@HamidhAG) November 30, 2018
އިލެކްޝަން ކޮމިޝަނުގެ ޓްވީޓާމެދު ނުރުހުން ފާޅުކޮށް ހާމިދު ޓްވީޓު ކުރައްވާފައި ވާއިރު، އަލަށް އުފައްދާފައިވާ މި ސިޔާސީ ޕާޓީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއެވެ. އަދީބު މި ޕާޓީއަށް ސޮއިކުރައްވާފައިވާއިރު، އޭނާ ގެންދަވަނީ ހިޔާނާތުގެ މައްސަލަތަކެއްގެ ކުށް ސާބިތުވުމާ ގުޅިގެން 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް ދިމާވެފައިވާ ސިއްހީ މައްސަލަތާކާ ހުރެ އަދީބު މިހާރު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.