މިނސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ދޮރު ހުންނާނީ ޒުވާނުންނަށް އަބަދުވެސް ހުޅުވިފައި ކަމަށް މިނިސްޓަރު މަލީޙް ޖަމާލް ވިދާޅުވެއްޖެ.
ރާއްޖެ ޓިވީގެ ފަލަ ސުރުހީ ޕޮރްގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަލީހް ވިދާޅުވީ ސައިންސް އެންޑް ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިވާ އެތަކެއް ޒުވާނުންތަކެއް ރާއްޖޭގައި އެބަ ތިބިކަމަށާއި އާ މިނިސްޓްރީގެ ދަށުން ޒުވާނުންނަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މަލީހް ވިދާޅުވީ މިނިސްޓްރީ ހިންގަމުންދާނީ ޒުވާނުންގެ އެހީއާއިއެކު ކަމަށާއި އިންފޮމޭޝަން ޓެކްނޮލްޖީ ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނަށް ވޭތުވެދިޔަ ސަރުކާރުން އިސްކަމެއް ދީފައި ނުވާކަމަށެވެ .
"ރާއްޖޭގައި ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތްކުރާ ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދިން ވަރަށް ބައިވަރު އެބަ ތިބި. ފާއިތުވި ދުވަސްތަކުގައި ފާހަގަ ވެވުނީ މިހާތަނަށް މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ސަރުކާރުގެ މުއައްސަސާތަކާއި ދެމެދު ވަރަށް ބޮޑު ފާރެއް އިންކަން. އަޅުގަނޑުގެ ބޭނުމަކީ މި ފާރު އެއްކޮށް ތަޅައި ޒުވާނުންނާއެކު ގާތް ގުޅުމެއް ބޭއްވުން،" މަލީޙް ވިދާޅުވިއެވެ.
ސަރުކާރުގެ ވިސްނުމަކީ ހުރިހާ ޑޭޓާއެއް އެއްތަނަކުން އާއްމު ރައްޔިތުންނަށް ލިބުންކަމަށާއި، އޭގެ ސަބަބުން މިހާރު ރައްޔިތުން އުފުލަން ޖެހޭ ބުރަ ކުރިއަށް އޮތްތާގައި ކުޑަވެގެން ދާނެކަމަށް މަލީހް ވިދާޅުވި އެވެ. ޑޭޓާ ސިސްޓަމެއް ގެންނަން މަސައްކަތްކުރަމުން ދާ ކަމަށާއި މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެފަދަ ބަދަލެއް ގެނެވޭނެ ކަމަށް ގަބޫލުފުޅުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީސަރުކާރުގެ ތެރޭގައި މުއައްސަސާތަކުގައި އޮތް ކޮރަޕްޝަނަށް އިޝާރަތް ކުރައްވާ މަލީޙް ވިދާޅުވީ ބޭނުންވަނީ ކޮރަޕްޝަންގެ އެއްވެސް މިންވަރެއް ނެތި މިނިސްޓްރީ ހިންގުން ކަމަށާއި އެކަމާ ބެހޭ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނެރަލްއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް މަލީހު ވިދާޅުވި އެވެ. އަދި ފާޑު ކިޔުންތަކަށް މަރުހަބާ ކިޔާކަމަށާއި އެބޭފުޅާގެ ވިސްނުންހުރީ ކަންތައްތައް އިސްލާހު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.