އަލަށް އުފައްދާ ސިޔާސީ ޕާޓީ، މޯލްޑިވްސް ތާޑުވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ)އަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅަކަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެއްޖެއެވެ.
އެމްޓީޑީ ޕާޓީގައި އިސްކޮށްއުޅުއްވާ ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީސް އިސްމާއިލް އާސިފަށް އަދީބުގެ މެންބަޝިޕް ފޯމް ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހަވާލުކޮށްފައެވެ.
އަދީބު އެމްޓީޑީއަށް ސޮއިކުރައްވާފައިވާއިރު، އޭނާ ގެންދަވަނީ ހިޔާނާތުގެ މައްސަލަތަކެއްގެ ކުށް ސާބިތުވުމާ ގުޅިގެން 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް އޭނާއަށް ދިމާވެފައިވާ ސިއްހީ މައްސަލަތާކާ ހުރެ މިހާރު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.
މޯލްޑިވްސް ތާރޑްވޭ ޑިމޮކްރޭޓްސް ނަމުގައި ސިޔާސީ ޕާރޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ހުއްދަދީފައި ވަނީ ބުރާސްފަތި ދުވަހުއެވެ.
ސިޔާސީ ޕާރޓީއެއް އުފެއްދުމަށްޓަކައި ތިންނމަސް ދުވަހުގެ ތެރޭގައި ތިންހާސް މީހުން ހަމަކުރަންޖެހޭނެއެވެ. އަދި ސަރުކާރުން ސިޔާސީ ޕާރޓީތަކަށް ދޫކުރާ ފައިސާ ލިބޭނީ 10000 މީހުން ހަމަވާ ޕާރޓީތަކަށް އެކަންޏެވެ. މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ސިޔާސީ ޕާޓީއެއް އުފައްދަން ގާނޫނީ ވަކީލް އަބްދުﷲ ހަސީނަށް އިލެކްޝަން ކޮމިޝަނުން ވަނީ ހުއްދަ ދީފަ އެވެ. ނަމަވެސް ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީ ރަޖިސްޓްރީކުރަންޖެހޭ ކަންކަން ކޮށްފައިނުވާތީ، އެ ކޮމިޝަނުން ވަނީ ދެ ވަނަ ފަހަރަށް ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައެވެ.
ރާއްޖޭގައި މި ވަގުތު ރަޖިސްޓްރީ ކޮށްފައި އޮތީ ހަ ސިޔާސީ ޕާޓީ އެކެވެ. އެއީ ޕީޕީއެމާއި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަދި އެމްޑީއޭ އެވެ.