ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ސިފައިން ވަދެ ގަދަބާރުން މަޖިލިސް ހުއްޓުވި މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އާއި ޗީފް އޮފް ޑިފެންސް ފޯސް, މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބެހޭ ކޮމިޓީ އަށް ހާޒިރު ކުރަން ނިންމައިފިއެވެ.
މިމައްސަލަ ތަހުގީގު ކުރަން މަޖިލީހަށް ހުށަހެޅީ ގުޅިފައިވާ ޕާޓީތަކުގެ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، (އިންތި)އެވެ. މިމައްސަލާގައި އެދިފައި ވަނީ ސިފައިން މަޖިލީހުގެ ތެރެއަށް ވަދެ މަޖިލީހުން ބައެއް މެންބަރުން އެތަނުން ގަދަބާރުން ނެރެ، މަޖިލިސްގެ ޖަލްސާތައް ހުއްޓުވި މައްސަލަ ބަލައިދިނުމަށެވެ.
މިމައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އަދި އިތުރުން ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ކުރީގެ މަޖިލިސް ރައީސް އަބުދުﷲ މަސީހާއި ކުރީގެ އަމީންއާންމު އަހުމަދު މުހައްމަދު ވެސް ހާޒިރުކޮށް އެކަންކަން ސާފު ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީން ވަނީ ނިންމަވާފަ އެވެ.
ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާ ތުލުސްދޫ ދާއިރާގެ މެންބަރު، އިބްރާހިމް މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ، މި މައްސަލާގައި ހާޒިރު ކުރަންޖެހޭ ހުރިހާ ފަރާތްތައް ހާޒިރުކޮށް މައްސަލަ ހިނގައި ދިޔަގޮތް ބަލާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ގޯތި ތެރޭގައި ތިއްބަވަނިކޮށް ގަދަކަމުން ނެރުނުކަން ފާހަގަކުރައްވައި މެންބަރު ސައުދު ހުސެއިން ވިދާޅުވީ، ގައުމީ ދިފާއީ ބާރުން މިއަނިޔާވެރި އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި ސިފައިން ހާޒިރުކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ މި މައްސަލައަކީ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރެއިން މައްސަލައެއް ކަމަށެވެ. އަދި ރައްޔިތުން މަޖިލިސް މެންބަރުން ރައްޔިތުންނަށްޓަކައި ޒިންމާ އުފުއްލަވަން މަސައްކަތް ކުރެއްވުމުން ސިފައިން މިވާޖިބުތައް އަދާކުރުމަށް ހުރަސްއަޅައި މަޖިލިސްގެ ފާރުމަތިން އެއްލާލީ ކަމަށެވެ.