ރ.ހުޅުދުއްފާރުން ފުރައިގެން މާލެ ދަތުރުކުރި "އަލްމަސް" ނަމަކަށް ކިޔާ ބޯޓު އިންޖީނު ހުއްޓުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރު ކޮށްދީފިއެވެ.
މިހާދިސާގެ މަޢުލޫމާތު ބުދަދުވަހުގެ ރޭ ދަންވަރު 01:40 ހާއިރު އެމްއެންޑިއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ "އެމްއާރުސީސީ" އަށް ލިބުމާއެކު ވަގުތުން އެސަރަހައްދައްގޮސް ބޯޓަށް އެހީތެރި ވުމުގެ މަސައްކަތް ފަށާފައި ވާކަމަށާއި އެގޮތުން ގައުމީ ސަލާމަތީ ބާރުގެ ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް، ބޯޓް އޮތް ސަރަހައްދަށް ގޮސްފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މީގެ އިތުރުން މި މިބޯޓަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
67 މީހުންނާއެކު ދަތުރުކުރި މި ބޯޓްގެ އިންޖީނު ހުއްޓިފައި ވަނީ ބ.ހިތާދޫއާއި ބ.ގޮއިދޫއާއި ދޭތެރެ އަށެވެ. މިހާދިސާއާ ގުޅިގެން ބޯޓްގެ ވެރިފަރާތާއި ބ.އަތޮޅު ފިނޮޅު ރިސޯޓާ ގުޅިގެން ބޯޓްގެ އިންޖީން ސްޓާޓް ކުރުމަށް ބޭނުންވާ ބެޓްރިއެއް ރިސޯޓުން ގެންގޮސް އިންޖީން ވަނީ ވަގުތީ ގޮތުން މަރާމާތުކޮށްފައެވެ. މިބޯޓް މިހާރު ވަނީ ބ.ގޮއިދޫއަށް ވައްދާފައެވެ. މިހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މީގެ އިތުރުންވެސް އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:05 ހާއިރު " ޝަނީމް " ނަމަކަށް ކިޔާ 126 ފޫޓުގެ ކޮޅުވެއްޓި އަނަންތަރާ ވެލި ރިސޯރޓުގެ އިރުމަތީ ފަރާތު ފަރަށް އަރާފައިވެއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސްވެ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގަމުންދާ ދުވަސްތަކަކަށްވާތީ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން ކަނޑު ދުތުރު ފަތުރު ކުރެއްވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.