ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން ކަނޑު ދަތުރުފަތުރު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން އިލްތިމާސް ކޮށްފިއެވެ.
ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ ތަރުޖަމާނު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ޚާއްސަކޮށް ވިއްސާރަ މޫސުމުގައި، އަދި އާންމުކޮށް ހުރިހާ ދުވަސްތަކެއްގައި ވެސް ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ދަތުރު ފަތުރު ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
އެގޮތުން ކަނޑު ދަތުރު ފަތުރު ކުރާއިރު ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ދަތުރަށް ނުކުތުމަށާއި އަދި ދަތުރު ކުރަމުން ދަނިކޮށް ކަނޑުމަތީގެ ހާދިސާ އެއް ދިމާވެއްޖެ ނަމަ ލަސް ނުކޮށް އެމްއެންޑީއެފްގެ ކޯސްޓް ގާރޑަށް އެ ހާދިސާ އެއް ރިޕޯރޓް ކުރުމަށް އާޒިމް ވަނީ އެދިވަޑައިގެފައެވެ.
ކެޕްޓަން އާޒިމް މިފަދަ އިން ވިދާޅުވެފައި މިވަނީ ބުދަ ދުވަހުގެ ރެ އާއި ބުރާސްފަތި ދުވަހު ވެސް ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ރ. ހުޅުދުއްފާރުން 67 މީހުންނާއި އެކު ފުރައިގެން މާލެއަށް ދަތުރު ކުރަމުން އައި 'އަލްމާސް' ކިޔާ ބޯޓުގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފްއިން ވަނީ ހަރަކާތްތެރި ވެފައެވެ.