ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުވެގެންދާނީ އެންމެ މުހިންމުކަމެއްދެވޭ އާންމު އިންތިހާބަށްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޕްރައިމަރީގައި ވަދަކުރެއްވާ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ކެމްޕޭން ފެށުމަށް ބޭއްވި ރަސްމއިްޔަތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އައު މަޖިލީހެއް އުފެއްދުމަށް ރައްޔިތުންނަށް ފުރުސަތު ލިބިގެންދާއިރު، އައު މަޖިލީސް ވުޖޫދަށް އަންނަނީ ޑިމޮކްރެޓިކް ހަމަތައް ގަބޫލުކުރައްވާ ރައީސުލްޖުމްހޫިއްޔާއެއް ހުންނަވަނިކޮށް ކަމަށެވެ. އަދި ކުރިއަށް އޮތް މަޖިލީހުގެ މަސައްކަތްތަކާއި އިމްތިޔަޒްތަކާއި ބާރުތައްވެސް، ނިމިގެން މިދާ މަޖިލީހަށްވުރެ މާބޮޑުތަން ތަފާތުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި ކުރިއަށް އޮތް މަޖިލީހުގެ ދައުރު އެތަށްގޮތަކުން ފުޅާވާނެ. މަސްއޫލިއްޔަތުތައްވެސް އެތަށްގޮތަކުން ތަފާތުވާނެ." ކުރިއަށް އޮތް އާންމު އިންތިހާބާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީ ޕްރައިމަރީގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޕްރިމަރީއަކީ ޕާޓީގައި ބޭއްވޭ އެންމެ މުހިިންމު ހަރަކާތް ކަމަށެވެ. އަދި އެމަނިކުފާނު ހުންނަވާނީ ހުރިހާ ކެނޑިޑޭޓުންނާއި އެކުގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ މޭރުމުން ވާހަކަ ކުރިއަށްގެންދަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ޕްރައިމަރީތަކުގައި ކުރިއަރުވަން އުޅެނީ ޕާޓީގެ ފަލްސަފާއާއި ޕާޓީގެ މަސްލަހަތު ކަމަށެވެ. ވާދަކުރައްވާ ކެނޑިޑޭޓްގެ މަސްލަހަތު ނޫން ކަމަށެވެ. އަދި އެތެރޭގެ އިންތިހާބަށްފަހު މޮޅުވާނީ އެއް ކެނޑިޑޭޓްކަން ހުރިހާ ފަރާތްތަކުންވެސް ގަބޫލްކޮށް، މޮޅުވާ ކެނޑިޑޭޓަކާއެކު މަސައްކަތްކޮށްދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.
"ޕާޓީގެ އެތެރޭގެ އިންތިހާބަށްފަހުގައި ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވެދިޔުމަކީ ވަރަށް ބޮޑު ހިތާމައެއް. އަޅުގަނޑު ޕާޓީގެ އެންމެ މެމްބަރުން ކިބައިން އެދެން މި ނުކުތާ އެންމެ ސިކުންތަކަށްވެސް ހަނދާނުން ނައްތާނުލުމަށް" ޕްރައިމަރީއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.