ބޭރުގެ ޤައުމުތަކުގެ އެހީ ހޯދަނީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ ނާރާނެ ގޮތުގެމަތިން ކަމަށާއި، އެއްވެސް ޤައުމެއްގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި އުޅުމަށް ފުރުސަތު ނުދެއްވާނެކަމަށް ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ޝާހިދު އެފަދައިން ވިދާޅުވީ ބުދަ ދުވަހުގެރޭ ކުރެއްވި ޓުވީޓެއްގައެވެ.
ޝާހިދު ވިދާޅުވީ ރާއްޖެއަށް ބޭރުގެ އެހީ ހޯދަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލްއަށް ބުރޫ ނާރޭނެގޮތުގެ މަތިންކަމަށް ކަމަށެވެ. އަދި ރާއްޖޭގައި އެއްވެސް ބޭރު ޤައުމެއްގެ އަސްކަރީ މަރުކަޒެއް ހެދުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، އެފަދަ އެއްބަސްވުމެއް އެއްވެސް ޤައުމަކާއި ނުކުރެވޭނެކަމަށް ޝާހިދު ވިދާޅުވި އެވެ.
Raajje ah beyruge ehee hoadhaanee raajjey ge minivankamaa isthiqlaal ah buruleh naaraane gothuge mathin. Raajjeygai evves beyru qawmegge askaree marukazeh hadhaakah futusatheh nudheynan. E fadha ebbasvumeh evves qawmakaa nukureveyne!
— Abdulla Shahid (@abdulla_shahid) November 28, 2018
ޝާހިދު އެފަދައިން ވިދާޅުވިިއިރު، އިންޑިއާއިން ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އަދި އެއީ ޗައިނާ އަށް ދަރާފައިވާ ދަރަނި އަދާކުރުމަށް އިންޑިއާ އިން ރާއްޖެއަށްދޭ ލޯނެއްކަމަށްވެސް މީޑިއާތަކުގައި ބުނެފައިވެއެވެ.
އޭގެއިތުރުން އިންޑިއާ ސަރުކާރުގެ މަސްދަރަކާއި ހަވާލާދީ އޭޝިއަން ރިވިއުގައި ބުނެފައިވަނީ ރާއްޖެ އާއި އިންޑިއާގެ ސެކިއުރިޓީ ގުޅުން ހަރުދަނާ ކުރުމަށް "ދާއިމީކޮށް އިންޑިއާގެ އަސްކަރީ ފައުޖުތަކެއް ރާއްޖެ އަށް ގެންދާގޮތަށް އެއްބަސްވެ" ރާއްޖެ އަށް ކުޑަ އިންޓަރެސްޓެއްގައި ލޯނުތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ލޯން އެއްބަސްވުމުގައި އަންނަ މަހުގެ 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަސް ކުރައްވާ ދަތުރުފުޅުގައި ސޮއިކުރައްވާނެކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.