ޕެޑުން ނަގަމުން އަންނަ ޖީއެސްޓީ ކަނޑާލުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބޮޑު އަޣުލަބިއްޔަތަކުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ބާރީ އަބްދުﷲ ހުށަހެޅުއްވި ބިލު މަޖިލީހުން ފާސްކުރީ ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައެވެ. އެ ބިލު ފާސްކުރަން 73 މެމްބަރުން ވޯޓު ދެއްވިއެވެ. އެ ބިލު ފާސްކުރުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.
ބާރީ ހުށަހެޅުއްވި އެ ބިލަށް މަޖިލީހުގައި ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވަނީ ތާއިދު ކުރައްވާފައެވެ. ބައެއް މެމްބަރުން ވިދާޅުވީ އެތަކެތި ފިހާރަތަކުން ވިއްކާ އަގު ވެސް ކޮންޓްރޯލު ކުރަންޖެހޭނެ ކަމަށެވެ.
ޕެޑުން ޓެކްސް ނެގުން ހުއްޓާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޕެޑުން ޓެކްސް ނަގަމުންދާތީ އެކަމާ ދެކޮޅަށް އެންމެ ފުރަތަމަ ކެމްޕެއިން ފެށީ 2016 ވަނަ އަހަރުއެވެ. އަންހެނުންގެ ޒަރޫރީ ބޭނުމަކާ ގުޅިފައިވާ އެފަދަ އެއްޗަކުން ޓެކްސް ނެގުން ހުއްޓާލުމަށް ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުން ދިޔައިރު ވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމިގެން ދިޔައިރު ވެސް އެކަމަށް އިޖާބައެއް ނުދެއެވެ.