އެޑީކޭއިން އަރިކަށްޓަށް ލިބޭ ބޮޑެތި އަނިޔާތަކަށް ފަރުވާ ދޭނެ ގޮތާއި ބެހޭގޮތުން "ޗެސްޓް ވޯލް އިންޖަރީ ވޯކްޝޮޕް 2018" ގެ ނަމުގައި ވޯކްޝޮޕެއް ބާއްވައިފިއެވެ.
ބުދަ ދުވަހު ސެންޓްރަލް ހޮޓެލްގައި ބޭއްވި މި ވޯކްޝޮޕްގެ ބައިވެރިންނަށް މައުލޫމާތު ދިނުމަށް އެމެރިކާގެ ޗެސްޓް ވޯލް އެސޯސިއޭޝަންގެ 2 ޑޮކްޓަރަކު ވަނީ ބައިވެރިވެފައެވެ. އަދި މީގެ އިތުރުން އޭޑީކޭގައި މަސައްކަތް ކުރާ އިސް ޑޮކްޓަރުން ވެސް ވަނީ މި ވޯކްޝޮޕްގެ ބައިވެރިންނަށް މައުލޫމާތު ދީފައެވެ.
ރާއްޖެއެމްވީއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭޑީކޭގެ ޑރ. މުހައްމަދު ޝާފިއު ވިދާޅުވީ މި ވޯކްޝޮޕް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ޗެސްޓް ވޯލް (އަރިކަށި، ޑައިފްރަމް، ތޮރެކްސް) އަށް ލިބޭ އަނިޔާތަކަށް ފަރުވާދިނުމަށް ބޭނުންކުރާ އެންމެ ޒަމާނީ ގޮތްތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުން ކަމުގައެވެ. އޭނާ ވިދާޅުވީ މި ވޯކްޝޮޕްގެ ބައިވެރިންނަށް މައުލޫމާތު ދޭން އައިސް ތިބި ދެ ޑޮކްޓަރުންނަކީ މި ދާއިރާގެ ފުންނާބު އުސް ތަޖުރިބާކާރު ދެ ބޭފުޅުން ކަމަށާއި ބޭނުމަކީ ބަލިމީހާއަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުން ކަމުގައެވެ.
އޭޑީކޭގެ އިސް ސާރޖަންއެއް ކަމުގައިވާ ޑރ. ރަންޖަން ސަޕްކޯޓާ ވިދާޅުވީ މި ވޯކްޝޮޕްގެ ބައިވެރިންގެ ތެރޭގައި ކަށީގެ ޑޮކްޓަރުންނާއި، ހޭނައްތާ ޑޮކްޓަރުން އަދި އަވަސް ފަރުވާގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ އިތުރުން ނަރުހުން ވެސް ހިމެނޭ ކަމަށެވެ.
މިއީ ރާއްޖޭގައި މިކަހަލަ ވޯކްޝޮޕެއް ބޭއްވޭ ފުރަތަމަ ފަހަރެވެ. މި ވޯކްޝޮޕް ބާއްވާފައިވަނީ ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ދައުވަތު ދީގެން ކަމަށް އޭޑީކޭއިން ވަނީ މައުލޫމާތު ދީފައެވެ.