ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާއި ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ރެގިއުލޭޓް ކުރުމަށް ބާރ އެސޯސިއޭޝަންގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފައްދަންޖެހޭ ގޮތަށް ގާނޫނީ ހިދުމަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ގާނޫނީ ހިދުމަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.
ބިލު ހުށަހަޅުއްވަމުން އިންތި ވަނީ ގާނޫނީ ވަކީލުންނަށް ހުއްދަ ދިނުމާއި ފިޔަވަޅު އެޅުން ސުޕްރީމް ކޯޓުން ކުރިއަށް ގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.
އިންތި ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ބާރ އެސޯސިއޭޝަނެއް އުފައްދައި، ގާނޫނީ ވަކީލުންގެ މަސައްކަތާ ގުޅޭ އެންމެހައި ކަންކަން ބަލައި، ފިޔަވަޅު އަޅައި، ގާނޫނީ ވަކީލުންގެ ހިދުމަތުގެ ގާބިލުކަން އިތުރު ކުރުމަށާއި ގާނޫނީ ތައުލީމު ދިނުމުގެ ފެންވަރު މަތިކުރުމަށް އެ އެސޯސިއޭޝަނުން މަސައްކަތް ކުރަންވާނެ ކަމަށެވެ.
އިންތި ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން ބާރ އެސޯސިއޭޝަން ހިންގާނީ 7 މެމްބަރުންގެ ހިންގާ ކޮމެޓީއަކުންނެވެ. އަދި އެ އެސޯސިއޭޝަނަށް ރައީސާއި ނައިބު ރައީސާއި އިތުރު ފަސް މެމްބަރުން އިންތިހާބު ކުރާނީ ގާނޫނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށް ބިލުގައި ބުނެފައިވެއެވެ.
ބިލުގައި ހިމެނޭ މުހިއްމު ކަންކަން:
- ހިންގާ ކޮމެޓީގެ އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން
- ތަސްދީގު ކުރުމާ އެކު 21 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭ
- އެސޯސިއޭޝަނަށް ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ ވަކީލުން
- އެސޯސިއޭޝަން ހިންގަން ބަޖެޓު ދޭނީ ދައުލަތުން
ބިލުގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ ބާރ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ދައުރު ފަސް އަހަރަށް ވުރެ ކުރު ކުރަން އޭނާއަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އޭގެ އިތުރުން އެ ބިލަށް އެހެން އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.