ފަސް މިނިސްޓްރީ އަކަށް ހަ ސްޓޭޓް މިނިސްޓަރަކު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ހަމަޖައްސަވައިފިއެވެ.
ރައީސް މިއަދު މަޤާމުތަކަށް ހަމަޖެއްސެވި ބޭފުޅުންނަކީ އަލަށް އުފެއްދެވި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް، ގަލޮޅު ކަނޑުވައިގެ އަޙްމަދު އަފްޒަލް އިބްރާހީމް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަޤާމަށް އައްޑުއަތޮޅު ހިތަދޫ ރަށްދެބައިގެ ފާޠިމަތު ނަޞީރެވެ.
އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަޤާމަށް ދެ ބޭފުޅަކު ވަނީ އައްޔަންކޮށްފައި އެވެ. އެ 2 ބޭފުޅުންނަކީ މާފަންނު އޯޝޭނިއާ މުޙައްމަދު ޒުހެއިރާއި، ވިލިމާލެ ފަށާމަންޒިލް ޑރ. ޝާހް ޢަބްދުﷲ މާހިރުއެވެ. އައްޑު އަތޮޅު ހިތަދޫ ރޭއަލިވާގެ އަޙްމަދު ޒުހައިރު ހަމަޖައްސާފައި ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މަޤާމަށެވެ. ޓޫރިޒަމް މިނސްޓަރު އަލީ ވަހީދުގެ ބެލުމުގެ ދަށުން ހިންގަމުންދާ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމާށް ހަމަޖެއްސެވީ މާލެ ދަފްތަރު ނަންބަރު ރސ 1861 އަޙްމަދު ޞާލިޙެވެ.
މި ބޭ ބޭފުޅުންގެ އިތުރުން ރައިސުލްޖުމްހުރިއްޔާ ވަނީ ރައީސް އޮފީހުގެ ޗީފް ސްޓްރެޓެޖިސްޓުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވާފައެވެ. އެ މަގާމަށް ހަމަޖެއްސެވީ އައްޑުއަތޮޅު ހިތަދޫ އާސީނުގެ އިބްރާހީމް ޙޫދެވެ.
މިބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދޭއެވެ.